ޚަބަރު

ވެލްބެކް ޗެލްސީއަށް ބަދަލުވެއްޖެ


  • ވެލްބެކް ޗެލްސީއަށް ސޮއިކޮށްފައިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

އިންގްލިޝް ޕްރިމިއަރ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަންއަށް ކުޅެމުންދިޔަ ޑެނީ ވެލްބެކް ޗެލްސީއަށް ސޮއިކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލްއަށް މީގެ ކުރިން ކުޅެފައިވާ އުމުރުން 35 އަހަރުގެ ތަޖްރިބާކާރު ފޯވަޑް ވެލްބެކް ޗެލްސީއަށް ސޮއިކޮށްފައިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކުން މިވިޔަފާރީގެ ޓްރާންސްފަރ ފީ ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ސީޒަންގައި ވެލްބެކްވަނީ ބްރައިޓަންއަށް ލީގުގައި ކުޅުނު 37 މެޗުގައި 13 ލަނޑު ޖަހައިދީފައެވެ. ވެލްބެކް ވެފައިވަނީ މިސީޒަންގައި އެޓީމަށް ގެންދިޔަ 8 ވަނަ ކުޅުންތެރިޔާއަށެވެ. މީގެތެރޭގައި އިނގިރޭސިވިލާތުގެ ރިކޯޑް އަގެއް ކަމަށްވާ 138 މިލިޔަން ޔޫރޯއަށް އެޓީމަށް ގެންދިޔަ އެސްޓަންވިލާގެ މޯގަން ރޮޖަރސް އާއި 60.7 މިލިޔަން ޔޫރޯއަށް އެޓީމާއި ދާދިފަހުން ގުޅުނު މެކްސޯންސް ލެކުއަރ އާއި އެޓަލާންޓާއިން 57 މިލިޔަން ޔޫރޯއަށް ގުޅުނު މާކޯ ޕަލެސްޓްރާ އަދި 50 މިލިޔަން ޔޫރޯއަށް ސްޕޯޓިންގ ލިޒްބަންއިން ގުޅުނު ޖިއޮވާނީ ކުއެންޑާ ހިމެނެއެވެ.

ޗެލްސީ އާއި ގުޅުމަށްފަހު ވާހަކަ ދައްކަމުން ވެލްބެކް ބުނީ ޗެލްސީ ކަހަލަ ޓީމަކުން އޭނާ ބޭނުންކަމަށް ބުނުމުން އާދަޔާ ޚިލާފު އުފަލެއް ލިބިގެން ދިޔަ ކަމަށެވެ. ޗެލްސީގެ ބައެއް ކުޅުންތެރިން ކުރިންވެސް އެނގޭ ކަމަށާއި އަދި ކޯޗު ޒާބީ އަލޮންސޯ އާއެކު ވަރަށް ރަނގަޅަށް ވާހަކަ ދެއްކުނު ކަމަށް ވެލްބެކް ހާމަކުރިއެވެ. އަދި އޭނާއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ޗެލްސީއަށް ކޮށްދޭނެކަމަށް އޭނާ ބުންޏެވެ.

ވެލްބެކް ޗެލްސީއަށް ގެންދިއުމާއެކު އެކްލަބުން 2022 ވަނަ އަހަރުން ފެށިގެން ގެންގުޅެމުންދިޔަ ޒުވާން ކުޅުންތެރިން އެޓީމަށް ސޮއިކުރުމުގެ އުސޫލަށް މިވަނީ ބަދަލުތަކެއް މިސީޒަންގައި ގެނެސްފައެވެ. ވެލްބެކްވަނީ އިންގްލަންޑް ޓީމަށްވެސް 42 މެޗު ކުޅެދީ 16 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާ އެންމެ ފަހުން އިންގްލަންޑް ޓީމަށް ކުޅެފައިވަނީ 2018 ވަނަ އަހަރުއެވެ.