ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 73ވަނަ ބެޗުގެ ދަސްވެނިވުން ބާއްވައިފިއެވެ.
މި ކޯހުން 117 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 22 އަންހެން ދަރިވަރުންނާއި 95 ފިރިހެން ދަރިވަރުންނެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާއި ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.
އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.
ގިރިފުށީ ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ރަޝީދު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.
ސިފައިންގެ 73ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް އަދި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މަހުދީ އަޙްމަދުއެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް ރިފާ މުޙައްމަދުއެވެ.
އަދި އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢު ހާސިލުކޮށްފައިވާއިރު، މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަށް ދޭ "މޭޖަރ ޙުސައިން ޝާކިރު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދުއެވެ.
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަކަށް ހޮވިފައިވަނީ ޝަހީދު ޢަލީރަސްގެފާނުކޮމްޕެނީގެ ބްރާވޯ ޕްލެޓޫނެވެ. ބްރާވޯ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް މަރިޔަމް ޝާނީ ހޮވުނު އިރު، ޓެންގޯ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ރިފާ މުޙައްމަދުއެވެ.
އަދި ޗާލީ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އާނިމް މުޙައްމަދު ހޮވިފައިވާއިރު، ގޮލްފް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އައިޝަތު ޝާމިޒް ޢަޒީޒްއެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންްގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 7އިން ފެށިގެން ކުރިއަށްގެންދިޔަ މި ކޯހުގެ ތަމްރީނުތައް ހިންގާފައިވަނީ އެމްއެންޑީއެފް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަޞްރުﷲ ވަސީމް އަދި، ސިފައިންގެ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި، ކޯހުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.