ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާކަމަށް ދިފާޢީ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ދިފާޢީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް، ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރައްވާވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ވިލިމާލޭގައި ގާއިމުކުރި ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ސިފައިންގެ ޚިދުމަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކުވެރި ގައުމުތަކުން ދިވެހި އަސްކަރިއްޔާއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ހަދިޔާއެއްގެ ގޮތުގައިދޭ ކޮންމެ އެއްޗެއްގެ ފުރިހަމަ ކޮންޓްރޯލް ދިވެހި ސިފައިންނަށް އޮންނާނެކަމަށެވެ.
ވަޒީރު ވިދާޅުވީ، ސިފައިން އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ މިނިވަންކަން، އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި، ރޫޙާނީ ގޮތުންނާއި، ޢިލްމީ ގޮތުން ޤާބިލުބަޔަކަށްވެ، ސިފައިންގެ ފުރިހަމަ ޒިންމާ އަދާކުރަންޖެހޭކަމަށެވެ.
"ސިފައިން އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ މިއަދު އިހްސާސްކުރާ މިނިވަންކަމުގެ އުފާވެރިކަން މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ ފުރިހަމައަށް އަދާކޮށްދިނުން. ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން، އަދި ފިކުރީ ގޮތުންނާއި ޢިލްމީ ގޮތުން މިކަމަށް ޤާބިލްކަން ހޯދާ، ނަފްސު ތަރައްޤީކޮށް ތައްޔާރަށް ހުރުން". ވަޒީރު ވިދާޅުވިއެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 73 ވަނަ އަސާސީ ތަމްރީން ކޯސް ކުރިއަށްގެންގޮސްފައިވަނީ 7 މާރޗު 2026 އިން ފެށިގެން 4 މަސް ދުވަހުގެ މުއްދަތަކަށެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ގިރިފުށި ޓްރެއިނިން ސެންޓަރުގައެވެ.
މިމަހުގެ 16 ވަނަ ދުވަހު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، 73 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ދަރިވަރުން ވަނީ ހުވާކޮށްފައެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.
އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.