ޢުމާން ކަނޑުގެ ސަރަޙައްދުގައި ހިނގި ނުރައްކާތެރި ދެ ޙާދިސާއެއްގެ ރިޕޯޓް ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ހާމަކޮށްފިއެވެ.
މީގެ ތެރެއިން އެއް ޙާދިސާގައި، ގޮތް ނޭނގޭ ހަމަލާއެއް އަމާޒުވެ، ތެޔޮ އުފުލާ ބޯޓަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޔޫކޭއެމްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި، ފުރަތަމަ ޙާދިސާ ހިނގާފައިވަނީ އޮމާންގެ 'ލީމާ' ސަރަޙައްދުގެ އިރުއުތުރުން ގާތްގަނޑަކަށް 11 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ތެޔޮ ބޯޓަކަށެވެ. މި ހަމަލާގެ ސަބަބުން ބޯޓުގެ އިންޖީނު ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބޯޓުގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ.
ނަމަވެސް، މި ޙާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށާއި، ކަނޑަށް ތެޔޮ ބޭރުވުން ފަދަ ތިމާވެށީގެ ކާރިޘާއެއް ހިނގާފައި ނުވާކަން އެ އިދާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ޢުމާންގެ 'ޚަޞަބް' ސަރަޙައްދުގެ އިރުއުތުރުން 21 ނޯޓިކަލް މޭލު ބޭރުން ދެވަނަ ޙާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ވެސް ވަނީ ލިބިފައެވެ.
އެ ބޯޓުގެ ކެޕްޓަން ބުނި ގޮތުގައި، ބޯޓާ ވަރަށް ކައިރިން ބާރުގަދަ ގޮވުމެއްގެ ގޮވައި، ކަނޑަށް އެއްޗެއް ވެއްޓުނު މަންޒަރު ފެނިފައިވެއެވެ.
ނަމަވެސް، މި ޙާދިސާގައި ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ޙާދިސާތައް ހިނގާފައިވާ ލީމާ އަދި ޚަޞަބް ސަރަޙައްދަކީ ބައިނަލްއަޤުވާމީ އިޤްތިޞާދީ ގޮތުން ނުހަނު މުހިންމު ސަރަޙައްދުތަކެކެވެ. މިއީ ދުނިޔޭގެ ތެޔޮ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅިއަށް ވަންނަ މަގު ކައިރީގައި އޮންނަ ދެ ސަރަޙައްދެވެ.
ފަހަކަށް އައިސް އީރާނާއި އެމެރިކާއާ ދެމެދު އަސްކަރީ ކުރިމަލުންތައް އަނެއްކާވެސް އިތުރުވެ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ކުރިމަތިވާ ނުރައްކާތައް ވަނީ އިތުރުވެފައެވެ. މި ޙަލަތާ ގުޅިގެން، އެ ސަރަޙައްދުން ދަތުރުކުރާ ގިނަ ބޯޓުފަހަރުތަކުން މިހާރު ދަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.