ޚަބަރު

ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު 38 ބައިވެރިންނާއެކު ފަށައިފި


  • ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 8އަށް

  • މިއީ ޕްރެކްޓިސް ޕާލިމެންޓުގެ 14ވަނަ ޕްރޮގްރާމް

"ޕްރެކްޓިސް ޕާލިމަންޓް ފޯރ ޔޫތު 2026" ފަށައިފިއެވެ.

ޤައުމީ ފެންވަރުގެ ނިންމުންތަކުގައި ބައިވެރިވުމުގެ ހުނަރު ތަރައްގީކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ، މިއަދުން ފެށިގެން މި މަހުގެ 8ގެ ނިޔަލަށެވެ.

38 ބައިވެރިންނާއިއެކު ފެށި މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ، ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމެވެ. މީގެއިތުރުން މަޖިލީހުގައި ހިމެނޭ ޒުވާން މެންބަރުންގެ އަދަދު އިތުރު ކުރުމާއި، ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ޒުވާނުން ކުރިމަތިލުމަށް ބާރުއަޅައި އެހީތެރިވެދިނުމަކީވެސް މި ޕްރޮގްރާމުގެ މަޤުސަދެކެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ހޮވާފައިވަނީ، އާއްމުކޮށް އިޢުލާން ކޮށްގެންނެވެ. މިއީ، ޕްރެކްޓިސް ޕާލިމެންޓުގެ 14 ވަނަ ޕްރޮގްރާމެވެ. އޭގެތެރެއިން މިއީ، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރެކްޓިސް ޕާލިމެންޓުގެ 6 ވަނަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދެނީ، ޑިމޮކްރަސީއާއި ސިޔާސީ ނިޒާމާއި، މަދަނީ ތައުލީމާއި، ދިމިގުރާތީ މުޖުތަމައެއްގައި ރައްޔިތުންގެ ހައްގުތަކާއި ޒިންމާތަކާއި ގުޅޭގޮތުންނެވެ. އަދި މަޖިލީހުގެ މަސައްކަތްތަކާއި، ޤާނޫނުތަކާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ބަޖެޓު ދިރާސާ ކުރުމާއި، ކޮމިޓީތަކުގެ މަސައްކަތް ހިނގާގޮތްވެސް މި ޕްރޮގްރާމުގެ ތެރެއިން އޮޅުންފިލުވާދޭނެއެވެ. މީގެއިތުރުން ބަހުސް ކުރުމާއި، ޚިޔާލު ފާޅުކުރުމުގެ ހުނަރުތަކާއި، ކެމްޕެއިން ސްޓްރެޓެޖީތައް އަދި ސިޔާސީ ހަރަކާތްތައް ރޭވުމާއި އިންތިޚާބުތަކަށް ކުރިމަތިލުމުގައި ހިނގާ ކަންކަމުގެ މައުލޫމާތުވެސް ޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެއެވެ.