ޚަބަރު

ރަތް ކަނޑުގެ ރައްކާތެރިކަމަށް ދިފާޢީ އިއްތިޙާދެއް އިޢުލާނުކޮށްފި


ޔަމަނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް، ޙޫޘީން ދެމުންދާ ހަމަލާތަކުން ރަތްކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، ބައިނަލްއަޤުވާމީ ވިޔަފާރި އާއި ހަކަތަ ފޯރުކޮށްދޭ ކަނޑުގެ މައި މަގުތައް ހިމާޔަތްކުރުމަށްޓަކައި، ޤައުމުތައް ގުޅިގެން އުފައްދާ އަސްކަރީ އިއްތިޙާދު ސަޢުދީ ޢަރަބިއްޔާއިން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

ސަޢުދީގެ ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އިއްތިޙާދާ ގުޅޭގޮތުން ބޭއްވި މުހިންމު ބައްދަލުވުމުގައި 43 ޤައުމެއްގެ އިތުރުން ވިލާތުގެ އިއްތިޙާދުން (އީޔޫ) ބައިވެރިވެފައިވެއެވެ. މި އިއްތިޙާދުގެ މައި މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަޢުދީ ޢަރަބިއްޔާގައެވެ.

މި އިއްތިޙާދުގެ އެންމެ ބޮޑު ބޭނުމަކީ، ކަނޑުގެ ސަރަޙައްދުތަކުގެ ރައްކާތެރިކަން ވަރުގަދަކޮށް، އުޅަނދުފަހަރަށް އެއްވެސް ހުރަހެއްނެތި މިނިވަންކަމާއެކު ދަތުރުކުރެވޭނެ މާޙައުލެއް ޤާއިމުކުރުމެވެ. ޚާއްޞަކޮށް ބާބުލް މަންދަބު އަދި ޢާދަން ކަނޑުއޮޅި ހިމެނޭ ސަރަޙައްދުގެ ބައިނަލްއަޤުވާމީ ވިޔަފާރި މަގުތަކަށް ކުރިމަތިވާ ނުރައްކާތައް ނައްތާލައި، އެ ސަރަޙައްދުގެ ޤައުމުތަކުގެ މަސްލަޙަތު ހިމާޔަތްކުރުމަކީ މި އިއްތިޙާދުގެ މައިގަނޑު އަމާޒެވެ.

ތުރުކީވިލާތް، ޕާކިސްތާން، މިޞްރު، ސޫދާން އަދި ޖިބޫތީ ހިމެނޭހެން ޖުމްލަ 14 ޤައުމަކުން ވަނީ މި މަސައްކަތަށް ތާއީދުކޮށް ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. ނަމަވެސް، ގަލްފުގެ ޤައުމުތަކުގެ އިއްތިޙާދު (ޖީސީސީ) ގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން އުމާން އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) މި ބަޔާނުގައި އަދި ސޮއިކޮށްފައެއް ނުވެއެވެ.

މި އިއްތިޙާދު އުފެއްދުމުގެ މަސައްކަތް ސަޢުދީން އަވަސްކޮށްފައިވަނީ، މި ހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު ޙޫޘީން ސަޢުދީއާ ދެކޮޅަށް ކަނޑު މަގުން ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަށްފަހު، ރަތްކަނޑުން ދަތުރުކުރި ސަޢުދީއާ ގުޅުންހުރި އުޅަނދުފަހަރަށް ހަމަލާތައް ދިނުމާ ގުޅިގެންނެވެ. މީގެ ރައްދުގައި ސަޢުދީގެ އަސްކަރިއްޔާއިން ވެސް ވަނީ ޔަމަނުގެ ޙުދައިދާގައި ހުރި ޙޫޘީންގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ރަތްކަނޑުގައި އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، މިއީ ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ތަޖުރިބާކާރުންދެކެއެވެ.

ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދަކުރުމުގެ ޖަރީމާތަކާ ގުޅިގެން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ޙޫޘީން ރަތްކަނޑުގައި ދެމުންދާ މި ހަމަލާތަކާ ގުޅިގެން، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ވިލާތުގެ އިއްތިޙާދުން ވެސް ވަނީ 2024 ވަނަ އަހަރުން ފެށިގެން ރަތްކަނޑުގައި އަސްކަރީ ޙަރަކާތްތައް އިތުރުކޮށްފައެވެ.