ޚަބަރު

ޕެންޝަން ފަންޑުން ޙައްޖަށް ދިއުމަށް ޝަރުތުހަމަވާ 23،000 މީހުން


  • ޝަރުތުހަމަވާ މީހުންގެ ތެރޭގައި 15781 ފިރިހެނުން

  • ޝަރުތުހަމަވާ 7391 އަންހެނުން

  • ގިނައީ އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ މީހުން

ޕެންޝަން ސްކީމް މެދުވެރިކޮށް ފަރުޟު ޙައްޖުވުމަށް ޝަރުތުހަމަވާ 23000އަށްވުރެ ގިނަ މީހުން ތިބިކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއްޖެއެވެ.

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން %80 ދޫކުރެވޭގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ 2019 އޮގަސްޓްގައެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ ޕެންޝަން ފަންޑު މެދުވެރިކޮށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް 23,172 މީހަކު ޝަރުތުހަމަވާކަމަށެވެ. އަދި މިހާތަނަށް އެ ފަންޑު މެދުވެރިކޮށް 274 މީހަކު ޙައްޖުގެ އަޅުކަން އަދާކޮށްފައިވާކަމަށެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޕެންޝަން ފަންޑުން ޙައްޖަށް ދިއުމުގެ ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ހިމެނެނީ 15781 ފިރިހެނުންނާއި 7391 އަންހެނުންނެވެ.

ޕެންޝަން ފަންޑުން ޙައްޖަށް ދިއުމުގެ ޝަރުތު ހަމަވާ މީހުންގެ އުމުރުފުރާއަށް ބަލާއިރު އުމުރުން 65 އަހަރުން މަތީގެ 1634 އަންހެނުންނާއި 3846 ފިިރިހެނުން ހިމެނެއެވެ. އުމުރުން 45 އަހަރާއި 55 އަހަރާ ދެމުގެ އުމުރުފުރގައި ހިމެނެނީ 3429 އަންހެނުންނާއި 6043 ފިރިހެނުނެވެ. މީގެ އިތުރުން އުމުރުން 35 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ 2240 އަންހެނުންނާއި 5641 ފިރިހެނުން އަދި އުމުރުން 25 އަހަރާއި 35 އަހާ ދެމެދުގެ އުމުރުފުރައިގައި 88 އަންހެނުންނާއި 251 ފިރިހެނުން ހިމެނެއެވެ.

ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެތެރެއިން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336،000 ރުފިޔާ ޖަމާކުރެވިފައިވާ މީހުންނަށެވެ.

ޕެންޝަނާ ބެހޭ ޤާނޫނަށް މިއަހަރު ގެނައި އިސްލާޙްގައި ވަނީ ދިވެހިރާއްޖޭން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުނީގެ ހަވާލުގައި ޙައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ %20 ޙައްޖަށް ދިޔުމަށް އެދޭ ފަރާތުން އެ ކުންފުންޏަށް ދައްކާފައިވާނަމަ، ޙައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ ތެރެއިން ބާކީ %80 ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖެއްސޭނެކަމަށެވެ. މިއާއެކު ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ކަނޑައަޅާފައިވާ ކިޔުގެ ތަރުތީބުން އެމީހަކަށްވެސް ޖާގަ ރިޒާވްކޮށް ޙައްޖު ކިޔުއަށް އެރޭނެއެވެ.

މިގޮތަށް ޙައްޖު ކިޔުއަށް އެރޭނީ ކުރިންވެސް އޮންނަ ގޮތަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށާއި، ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތްތަކަށެވެ. އަދި މިގޮތަށް ފައިސާ ދޫކުރުމަށްޓަކައި ޕެންޝަން ސްކީމްގައި ހުރި ފައިސާ ހިސާބުކުރަންވާނީ ގެދޮރު ގަތުމަށްޓަކައި ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ސްކީމުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެފައިސާ އުނިކޮށްފައެވެ.

ޙައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކުރުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ހަމަޖެއްސުމާއި އެފައިސާ ދޫކުރުމާ ގުޅޭގޮތުން ރާއްޖޭން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރު ކުންފުންޏާއެކު ޕެންޝަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކުރަންޖެހެއެވެ. ޕެންޝަން އޮފީހުން އަންނަނީ މިކަމާ ގުޅޭ ޤަވާއިދާއި ޤާނޫނަށް ގެނައި އިސްލާހާއެކު ހަދަންޖެހޭ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރަަމުންނެވެ. އަދި އެ ޤަވާއިދުތައް އަންނަ މަހުގެ ނިޔަލަށް އެކުލަވާލާ ނިންމުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ޙައްޖަށް ނުދެވިއްޖެނަމަ، އެ އަހަރެއްގެ ޙައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ޙައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަންޖެހެއެވެ.