ނިމިގެންދިޔަ ވޯލްޑް ކަޕްގައި އިންގްލަންޑް ޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރި ޖޯން ސްޓޯންސް އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާނަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި ސްޓޯންސް އިންޓަރ އާއި ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުން ފްރީ ޓްރާންސްފަރއެއްގައެވެ. ވޭތުވެދިޔަ 10 އަހަރު އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުންދިޔަ ސްޓޯންސްވަނީ ނިމިގެންދިޔަ ސީޒަނާއެކު އޭނާ ސިޓީ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމާއެކު އެކްލަބް ދޫކޮށްލަން ނިންމާފައެވެ.
އުމުރުން 32 އަހަރުގެ ސްޓޯންސް ބުނީ އޭނާ ދެކުނު ހުރިހާ ހުވަފެނެއް ސިޓީގައި ހަގީގަތަކަށް ހެދިފައިވާކަމަށެވެ. ސްޓޯންސް ސިޓީގައި ހޭދަކުރި 10 އަހަރުގައި އޭނާވަނީ ސިޓީ އާއެކު ޕްރިމިއަރ ލީގު 6 ފަހަރު، ޗެމްޕިއަންސް ލީގުގެ ތަށި އެއްފަހަރު، އެފް އޭ ކަޕްގެ ތަށި ދެފަހަރު، ކަރަބާއޮ ކަޕް ފަސް ފަހަރު، ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު އަދި ކްލަބް ވޯލްޑް ކަޕާއި ޔުއޭފާ ސުޕަރ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ސްޓޯންސްގެ އެގްރީމަންޓް ހަމަވެ އޭނާ ފްރީ އެޖެންޓަކަށް ވުމާއެކު ޔޫރަޕްގެ ގިނަ ކްލަބްތަކަކުންވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. މީގެތެރޭގައި ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލް، ޗެލްސީ އަދި ޔުވެންޓަސް ހިމެނެއެވެ.
އިންޓަރ މިލާން އިންވަނީ ނިމިގެންދިޔަ ސީޒަންގައި 21 ވަނަ ފަހަރަށް ސެރީއާގެ ތަށި ކާމިޔާބު ކޮށްފައެވެ. އަދި އާސީޒަން އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ އަލަށް ޕްރޮމޯޝަން ހޯދި މޮންޒާ އާ ދެކޮޅަށެވެ. އިންޓަރގައި މިހާރުވެސް ކުރިން ސްޓޯންސް އާއެކު ސިޓީއަށް ކުޅުނު މަނުއެލް އެކާންޖީ އަންނަނީ ކުޅެމުންނެވެ.
ސްޓޯންސް ސިޓީއާއި ގުޅިފައިވަނީ 2016 ވަނަ އަހަރު އެވަޓަންއިން 47.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އެކްލަބަށް 295 މެޗު ކުޅެދީ 19 ލަނޑު ޖަހައިދީފައިވެއެވެ. ސްޓޯންސްއަށް އޭނާގެ ސިޓީ ކެރިއަރުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ އަނިޔާގެ މައްސަލަ އެވެ. މިގޮތުން މިދިޔަ ސީޒަންގައިވެސް އަނިޔާގެ ސަބަބުން ގިނަ ދުވަސް ތަކެއްގައި ކުޅުމާއި ދުރުގައި ހުންނަންޖެހުނެވެ. ސްޓޯންސްވަނީ އިންގްލަންޑް ޓީމަށްވެސް 93 މެޗު ކުޅެދީފައެވެ. އަދި ނިމިގެންދިޔަ ވޯލްޑް ކަޕްގައި އިންގްލަންޑް އިން ތިންވަނަ ހޯދިއިރު ސްޓޯންސްވަނީ ކުއާޓަރ ފައިނަލްގައި ނޯވޭ އަތުން މޮޅުވި މެޗާއި ސެމީ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗުގައިވެސް ފުރަތަަމަ އެގާރައިގާ ހިމެނިގެން ކުޅެފައެވެ.