ޚަބަރު

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ކުންފުނީގެ ބޯޑަށް ނަޒުލީނާ


  • ނަޒްލީނާއަކީ 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، މަރްޔަމް ނަޒުލީނާ އައްޔަނުކުރައްވައިފިއެވެ.

މަރިޔަމް ނަޒްލީނާއަކީ ފައިނޭންޝަލް ރިޕޯޓިންގ، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، ފައިނޭންސް އަދި ޕަބްލިކް ސެކްޓަރ އެކައުންޓިންގ ދާއިރާގެ ފަންނީ ބޭފުޅެކެވެ.

އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއަރ އައި.އެފް.އެމް.އައި.އެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ. ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ނަޒްލީނާ ވަނީ، ސެޕް އެފް.އައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރައްވާފައެވެ.

މީގެ އިތުރުން، އޭނާ ވަނީ ފައިނޭންޝަލް ރިޕޯޓިންގ ޓީމުތައް އިސްވެ ބަލަހައްޓަވައި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓަރ ކުރުމުގެ މަސައްކަތްތަކުގައާއި، އި.ޕީ.އެސް.އޭ.އެސް އަދި އެކްރޫއަލް އެކައުންޓިންގ އިސްލާހީ މަސައްކަތްތަކުގައި މުހިންމު ހިއްސާއެއް ވެވަޑައިގަންނަވާފައެވެ. މަރިޔަމް ނަޒްލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފައެވެ.

"އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެތެރޭގައެވެ. ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާރބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.

"އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 10،000،000 ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 100،000،000 ރުފިޔާއެވެ.

އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްސެއް ކަމަށްވެސް ރައީސުލްޖުމްހުރިއްޔާގެ ޤަރާރުގައި ވަނީ ވިދާޅުވެފައެވެ.