އިޓަލީގެ ގައުމީ ކޯޗުކަމަށް އަންދްރޭ ޕިރްލޯ އައްޔަން ނުކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފި އެވެ.
މި ގޮތަށް ނިންމީ ރަޝިޔާގެ ބެޓިން ކުންފުންޏަކާއެކު އޭނާ ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމަކާ ހެދި އެވެ.
2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބު ކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޕްރްލޯ އަކީ ރަޝިޔާ އާއި ކަޒަކިސްތާނުގައި ހިންގާ ފޮންބެޓް ކުންފުނީ ޕްރޮމޯޓް ކޮށްދޭ އެމްބެސެޑަރެކެވެ. މިއެއްބަސްވުމުގައި އޭނާ މިދިޔަ އޮކްޓުބަރު މަހު ސޮއި ކުރީ އިޓަލީގެ ކުރީގެ ޑިފެންޑަރު މާކޯ މަޓެރާޒީއާއެކު ރަޝިޔާގަ އެވެ.
މިކަމާ ގުޅިގެން އިޓަލީގެ ބައެއް ސެނެޓަރުންނާއި ސިޔާސީ ފަރާތްތަކުން ގޮވާލަމުން ދަނީ ޕިރްލޯ ގައުމީ ކޯޗުކަމަށް އައްޔަން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ދިފާއުގައި ޕިރްލޯ ބުނީ އޭނާ އާއި ރަޝިޔާގެ ކުންފުނީގެ އެއްބަސްވުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ކުޅިވަރާ ގުޅުން ހުރި ކަމެއް ކަމަށެވެ.
"އަހަރެން (ކޯޗު ކަމަށް ގެނައުމަށް މަސައްކަތް ކުރި އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގައި މަސައްކަތް ކުރާ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޕައުލޯ) މަލްޑިނީ އާއި ލިއޮނާޑޯ އަށް ޝުކުރު އަދާކުރަން. އެ މީހުން އަހަރެންނަށް ކުރި އިތުބާރަށް. މިއީ ކުޅިވަރާ ގުޅުންހުރި ކަމެއް. އަހަރެން ހިޔެއް ނުކުރަން މިކަން އާއްމު ބޮޑު މައްސަލައަކަށް ވެދާނެ ކަމަށް،" ޕިރްލޯ ބުންޏެވެ.
އޭނާ މި ގޮތަށް ވިސްނި ނަމަވެސް ބައެއް ސެނެޓަރުންގެ ނަޒަރުގައި އިޓަލީ އާއި ރަޝިޔާގެ ސިޔާސީ ގުޅުން ރަނގަޅު ނޫންއިރު އަދި ހާއްސަކޮށް ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިޓަލީގެ ތާއީދު ޔޫކްރޭނަށް އޮތްއިރު ޕިރްލޯ ގައުމީ ކޯޗުކަމަށް ގެނައުމަކީ ލަދުވެދި ނިންމުމަކަށް ވެދާނެ ކަމަށެވެ.
މީގެ އިތުރުން ވެސް ބައެއް ސެނެޓަރުން ވަނީ އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނަށް ފާޑުކިޔައިފަ އެވެ. ވިދިވިގެން ތިން ފަހަރު ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އިޓަލީގެ ފުޓްބޯޅައިގެ މުޅި ނިޒާމް ބަދަލު ކުރަން ޖެހފައިވާއިރު ޕިރްލޯ އަކީ ގައުމީ ކޯޗުކަމަށް އެކަށީގެންނުވާ މީހެއް ދެކޭ ފަރާތްތައް ވެސް ގިނަ އެވެ. އަދި ކޯޗިންގެ މާބޮޑު ތަޖުރިބާތަކަކާއި ކާމިޔާބީތަކެއް ނެތުމުން އޭނާ އަށް ގައުމީ ކޯޗުކަން ދިނުމަކީ އެދެވޭ ބަދަލެއް ނުފެންނާނެ ކަމެއް ކަމަށް ވެސް ފާދުކިއުންތެރީން ބުނެ އެވެ.
"އަނެއްކާ ވެސް ބޮޑު ބައްޔެއްވެ، އަނެއް ފަހަރު ވޯލްޑް ކަޕުން ކެޓުމުން އިޓަލީގެ ފުޓްބޯޅަ މިއޮތީ ސަގާފީ ގޮތުން ވެސް، މެނޭޖްމަންޓް ވެސް، އެތިކަލީ ވެސް ބޮޑު ބަދަލަކަށް ބޭނުންވެފައި. އަހަރެން މިކަން ކުރަން ހަވާލުވެ ތިބި ޕައުލޯ މަލްޑިނީ (އިޓަލީގެ ކުރީގެ ކެޕްޓަން) ފަދަ މީހުންނަށް އިހްތިރާމް ކުރަން. އެކަމަކު ޕިރްލޯ ގައުމީ ކޯޗުކަމަށް ގެނައުމަކީ އެއްވެސް ބަދަލެއް އަތުވެއްޖެކަން އިހުސާސް ނުކުރެވޭނެ ފަދަ ކަމެއް. އަހަރެން މިކަމާ މުޅިން ދެކޮޅު. ޕިރްލޯ ގެނައުމަކީ ކުރަން މިއުޅޭ ކަމާ މުޅިން އިދިކޮޅު އަމަލެއް،" ޔޫރަޕިއަން ޕާލިމަންޓްގެ ވައިސް ޕްރެޒިޑެންޓް ޕިނާ ޕިކިއެރްނޯ ވިދާޅުވި އެވެ.
ޕިރްލޯ ކޯޗުކަމަށް ނުގެންނަން ނިންމުމުން ދެން އެ މަގާމަށް ގެނައުން އެންމެ ގާތީ ކުރީގެ ދެ ކޯޗުންގެ ކުރެ އެކަކު ކަމަށްވެ އެވެ. އެއީ 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދިން ކޯޗު ރޮބާޓޯ މަންޗިނީ އާއި ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ.