ޚަބަރު

ޖޫނިއާ ޓީޓީ ޓީމު ކަޒަކިސްތާނަށް


  • މި ކޭންޕުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހަތަރު ކުއްޖަކަށް ލިބިފައިވޭ

  • މި ކޭންޕުގައި އޭޝިއާގެ އެކި ސަރަހައްދުތަކުން ބައިވެރިވޭ

  • ކޭންޕު ކުރިއަށްދާނީ ކަޒަކިސްތާނުގެ އަލްމާތީގައި

އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖް 2026ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހަތަރު އެތުލީޓަކަށް ލިބިއްޖެއެވެ.

އައިޓީޓީއެފް އިން އިންތިޒާމުކުރާ މި ޓްރެއިނިން ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޖޫނިއާ ޓީމުގެ އަންހެން ދެ އެތުލީޓަކަށާއި ފިރިހެން ދެ އެތުލީޓަކަށް ލިބިފައިވާއިރު، މި ކޭމްޕް މިއަހަރު އޮންނާނީ ކަޒަކިސްތާނުގައެވެ.

މި ކޭމްޕާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ޓީމުގެ ކޯޗް ފާތުމަތު ޖުމާނާ ނިމާލް ބުނީ، މިއީ އައިޓީޓީއެފްއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޭމްޕެއްކަމަށެވެ. ހަފްތާއަކަށް ދެމިގެންދާ މި ކޭމްޕަށްފަހު ދެން ކުރިއަށްދާނީ އޭޝިއާގެ ރޭންކިންކަމަށް އޭނާ މައުލޫމާތުދިނެވެ.

"މިއީ އައިޓީޓީއެފްއިން ބާއްވާ އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖް 2026. މި ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ބާއްވާ އެއްޗެއް. މިދިޔަ އަހަރު އޮތީ ލާއޯސްގަ. މިފަހަރު މިއޮތީ ކަޒަކިސްތާނުގަ. މިވެސް ވަން ވީކް ޓްރޭނިން ކޭމްޕެއް. މި ޓްރޭނިން ނިންމާފަ މިއިންނަނީ އޭޝިއާގެ ރޭންކިންގ އެއް" ޖުމާނާ މައުލޫމާތު ދިނެވެ.

12 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ކޭމްޕަކީ ވަރަށް އިންޓެންސިވް ކޭމްޕެއްކަމަށް ޖުމާނާ ފާހަގަކުރިއެވެ. އަދި މި ކޭމްޕުގައި އިރުޝާދު ދިނުމަށް ތިބޭނީ ތަޖުރިބާހުރި މޮޅެތި ކޯޗުންކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މިއީ ރާއްޖޭގެ ޖޫނިއާ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެކަމަށް އޭނާ ފާހަގަކުރިއެވެ.

"މިއީ 12 އަހަރުންދަށުގެ ކުދިންނަށް ބާއްވާ ޓްރޭނިންއެއް. މި ކޭމްޕަކީ ވަރަށް އިންޓެންސިވް ކޭމްޕެއް. އަދި ތަޖުރިބާހުރި އެހެން ޤައުމުތަކުގެ ކޯޗުން ހެޑް ކޯޗުންގެ ގޮތުގައި ތިބޭނީ. މިއީ ކޯޗުންނަށްވެސް ލިބޭ އެޑިއުކޭޝަނަލް ޕްރޮގްރާމެއް" ޖުމާނާ ބުންޏެވެ.

އައިޓީޓީއެފް އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖް 2026ގައި ކުދިން ބައިވެރިކުރުމުގައި އިސްކަންދީފައިވަނީ އެންމެފަހުން ބޭއްވި ރޭންކިންގެ އެންމެ މަތިން ހޯދި ކުދިންނަށްކަމަށް ޖުމާނާ މައުލޫމާތުދިނެވެ. އެގޮތުން ރޭންކިންގެ އެއްވަނަ، ދެވަނަ އަދި ތިންވަނައިގެ ތެރެއިން ކޭމްޕަށް ދެވޭނެކުދިންނަށް އެ ފުރުސަތު ދިނީކަމަށް އޭނާ ބުންޏެވެ.

"ކުދިން ސެލެކްޓްކޮށްފަ މިހިރީ އެންމެ ފަހުން ބޭއްވުނު ރޭންކިންގގައި ހޯޕްސް ކެޓަގަރީގެ ޓޮޕް ކުދިން. އެއްވަނަ، ދެވަނަ އަދި ތިންވަނައިގެ ތެރެއިން ދެވޭ ކުއްޖަކަށް އެ ފުރުސަތު ދިނީ" ޖުމާނާ ބުނެފަވެއެވެ.

އައިޓީޓީއެފް އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖުގައި މިދިޔަ އަހަރުވެސް ރާއްޖޭގެ ދެ ކުޅުންތެރިޔަކު ބައިވެރިވެފައިވާއިރު، ކޭމްޕަށްފަހު ކުޅުންތެރިން އިތުރަށް ކުރިއެރިތަން ފެނުނުކަމަށް ޖުމާނާ ބުންޏެވެ. މި ކޭމްޕަކީ އޭޝިއާގެ އެކި ސަރަހައްދުތަކުން ކުޅުންތެރިން ބައިވެރިވާ ކޭމްޕަކަށްވުމުން ހުނަރުވެރި ގިނަ ކުދިންނާއެކު މެޗުތައް ކުޅެލަން ލިބުމަކީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރުތައް ކުރިއަރާކަމެއްކަމަށް ޖުމާނާ ފާހަގަކުރިއެވެ.

"ޓްރޭނިން ކޭމްޕްގެ އެންމެ ރަނގަޅު އެއްކަމަކީ އެހެން ޤައުމުތަކުގެ ކުދިންނާއެކީ ޕްރެކްޓިސް ކުރަން ލިބުން. އެއީ ވަރަށް ރަނގަޅު ތަޖުރިބާއެއް. އޭރުން މިކުދިންގެ ބޯޅަ ރިލީޒްއާ ކަންކަން އިމްޕްރޫވްވެ، ޓެކްނިކަލް ވަރަށް ގިނަ އެއްޗިހިތަކެއް ދަސްވެ، ވަރަށް ޓެކްނިކަލީ ފޯކަސްކޮށްގެން ކުރިއަށްގެންދަނީ. އެހެންވީމަ އެ އިމްޕްރޫވްމެންޓް ފެނުނު އެ ފަހަރު އައިގޮތަށް ކުޅުނު މުބާރާތުގައިވެސް މިދިޔަ ފަހަރު ދިޔަ ދެ ކުދިންގެ" ފާއިތުވެދިޔަ އަހަރުގެ ތަޖުރިބާ ހިއްސާކުރަމުން ޖުމާނާ ބުންޏެވެ.

މި ކޭމްޕުގެ ސަބަބުން ރާއްޖޭގެ ޖޫނިއާ ޓީމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދުކުރާކަމަށް ޖުމާނާ ބުންޏެވެ. އަދި ކުރިއަށް އޮތީ ޓީޓީ ގެ ޤައުމީ މުބާރާތަށްވުމުން، މި ކޭމްޕުގެ ތަޖުރިބާ ކުރިއަށް އޮތް މުބާރާތައް މުހިންމު ދައުރެއް އަދާކުރާނެކަމަށް އޭނާ ގަބޫލުކުރެއެވެ.

"އުންމީދުކުރަނީ ވަރަށް ރަނގަޅުވާނެކަމަށް. ކުރިއަށް އޮތީ ޤައުމީ މުބާރާތް. އެހެންކަމުން އެ މުބާރާތުގެ ކުރިން މިކުދިންނަށް ލިބޭ ވަރަށް ރަނގަޅު ޓްރޭނިން ކޭމްޕެއް މިއީ. އެއީ ވަރަށް ގިނަ މެޗުތަކެއްވެސް ކުޅެލަން ލިބޭނެ ބައިވަރު ކުދިންނާއެކީ" ޖުމާނާ ބުންޏެވެ.

އައިޓީޓީއެފް އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖް 2026 ގައި ރާއްޖެއިން ބައިވެރިވާ ކުދިންނަކީ އިބްރާހިމް އަޝްޢަލް އާސިފް، ޢާއިޝަތު އެލީން ޝަފަޚް، ފާޒް އިމްޔާޒް ލަޠީފް އަދި ޢާއިޝަތު ސާރާ އުނައިސްއެވެ. އަދި ކޯޗެއްގެ ގޮތުން ޓީމާއެކު ދާނީ ފާތިމަތު ޖުމާނާ ނިމާލްއެވެ.

ތައިލޭންޑް، ޖަޕާން، ސިންގަޕޫރު ފިލިޕީންސް މެލޭޝިއާ އިންޑިއާ ސްރީލަންކާ ފަދަ ޤައުމުތަކުން ބައިވެރިވާ މި ކޭމްޕް ކުރިއަށްދަނީ މިމަހުގެ 29 އިން އަންނަމަހުގެ 3 ގެ ނިޔަލަށް ކަޒަކިސްތާނުގެ އަލްމާތީގައެވެ.