ޚަބަރު

ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު


  • އިނާމު ދޭނީ އަންނަ އަހަރުގެ ޖުލައި 26އިން ފެށިގެން

  • ސަރުކާރުގެ ސިޔާސަތަކީ ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިކުރުން

ދުންފަތުގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް އެހީވެދޭ ފަރާތްތަކަށް ޚާއްސަ ކޮށްގެން އަންނަ އަހަރުން ފެށިގެން ޤައުމީ އިނާމެއް ދޭން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ، އެކި ދާއިރާތަކުން ޤައުމަށް މިނިވަންކަން ހޯދައިދީ ޤައުމުގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ ފުދުންތެރި، މިނިވަން އަދި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ވުމަކީ ކޮންމެހެން ވާންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އިޖުތިމާޢީ މިނިވަންކަން ޔަގީންވެފައިވާކަން ކަށަވަރު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މީގެތެރެއިން ސިއްޙީ ދާއިރާއަކީ ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޒަމާންތަކެއް ވަންދެން ދިވެހިންނަށް ބޭސްފަރުވާއަށް ބޭރު ޤައުމުތަކަށް ދާންޖެހިފައި އޮތް އޮތުން ހައްލުކޮށް، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ބަލިވުމުގެ ކުރިން އެބަލިތަކުން ރައްކާތެރި ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، ދުންފަތާއި ވޭޕާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅުއްވާފައިވަނީ އެ މަޤުސަދުތައް ހާސިލުކުރަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ފުރަތަމަ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އަޅުވެތިކަމުގެ ތެރެއަށް ވަނުމުގެ ކުރިން އެކަމުން މިނިވަން ކުރީ، ޖެނަރޭޝަނަލް ބޭނެއް ގެނެސްގެން. އަޅުގަނޑުމެންގެ މުޖުތަމަޢު ވޭޕުގެ އަޅުވެތިކަމަށް ގޮސް ޣަރަގުވަމުން ދަނިކޮށް އެ ވޭޕުގެ އަޅުވެތިކަމުން ސަލާމަތްކޮށް ވޭޕް ބޭންކުރީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެންމެ ގިނަ މީހުން އެ ވަބާއިން ސަލާމަތްކޮށްދީ، އެވަބާއިން އެންމެ ގިނަ މީހުން މިނިވަން ކުރާ ފަރާތްތަކަށް ޚާއްސަ ކޮށްގެން އަންނަ އަހަރުގެ ޖުލައި 26 އިން ފެށިގެން ޤައުމީ އިނާމު ދޭން ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރީގެ ސަރުކާރުތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ސަރުކާރުން އުފައްދަވާފައިވާ ސްޓޭޓް ފާމާގެ ސަބަބުން އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.