މިއަދު ކޮންމެ ރައްޔިތެއްގެވެސް އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީގެ ހަގީގަތްތައް ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައްޔިތުންްނަށް ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ލިބިފައި ވަނީ މާޒީގައި ކާބަފައިން ކުރެއްވި މަތިވެރި ޤުރުބާނީތަކެއްގެ ސަބަބުން ކަމަށެވެ. މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ހިތްތަކުގައި ޤައުމީ ލޯބީގެ ފަޚުރާއި ޝަރަފު އުތުރި އަރަމުންދާ، އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.
— First Lady Sajidha Mohamed (@sajidhaamohamed) July 26, 2026
މިނިވަންކަމުގެ މަތިވެރި ނިއުމަތް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ މާޒީގައި ކާބަފައިން… pic.twitter.com/22RaTZLhqU
މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމަކީވެސް ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަކީވެސް މުހިންމު ކަމެއް ކަމަށާއި މި މަސައްކަތުގައި މާތް ﷲ ކާމިޔާބީ ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން ފާހަގަކުރަމުންދަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.