ޚަބަރު

މިނިވަން ދުވަހުގެ ހެވިކަމުގެ ކުޅިވަރުތައް މިރޭ ޖުމްހޫރީ މައިދާނުގައި


  • އަސްކަރީ ހިނގާލުން މިރޭ 20:30ގައި މާލޭގައި އޮންނާނެ

  • ކެޑޭޓުކޯގެ ޕެރޭޑާއި ސްކޫލުތަކުގެ ސަޤާފީ އައިޓަމުތައް އޮންނާނެ

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތައް މިރޭ ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ.

މިހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުން މިރޭ 20:30ގައި މާލޭގައި އޮންނާނެ ކަމަށެވެ. ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެއެވެ. މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފުގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މި އަސްކަރީ ހިނގާލުމުގެ ލަޝްކަރު، މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗާއި، އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގެ އިތުރުން އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ. ލަޝްކަރު ހުއްޓޭ މި ސަރަހައްދުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑުގެ އިތުރުން ސްކޫލުތަކުގެ ކުޅިވަރާއި، ސަޤާފީ އައިޓަމްތައް ކުރިއަށް ދާނެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ފާހަގަކޮށްލެވޭ މަޝްހޫރު ބައެއް ނަޝާ ގްރޫޕުތަކުގެ ހުށަހެޅުންތަކާއި، ބޮޑުބެރު ގްރޫޕުތަކުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.