22 ވަނަ ކޮމަންވެލްތު ޓީޓީ ޗެންޕިއަންޝިޕުގައި ވާދަކުރުމަށް ޤައުމީ ޓީމު އިންޑިއާއަށް ފުރައިފިއެވެ.
މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 27 އިން އަންނަމަހުގެ 2 އަށް އިންޑިއާގެ ދިއްލީގެ ތިޔަގްރާޖް ސްޓޭޑިއަމްގައެވެ. މިމުބާރާތުގައި ރާއްޖެއިން ވާދަކުރާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު، އަޚްޔާރް އަހްމަދު ޚާލިދް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ ޢަލީ، ޢާއިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، ޢާއިޝަތު އަލްސާ ނާފިޒްއެވެ.
ކޮމަންވެލްތް ޓީޓީ ޗެންޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރާތާ ގާތްގަނޑަކަށްވަނީ މަހެއްހާ ދުވަސްވެފައެވެ. އެގޮތުން ޓީމަށް އިރުޝާދު ދިނުމުގެ ގޮތުން އިންޑިއާގެ ކޯޗަކާއި ކުޅުންތެރިޔަކު ޓީމާއެކު ފަރިތަކުރުންތަކުގައިވަނީ ބައިވެރިވެފައެވެ. މިމުބާރާތުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ކުރިއެރުންތަކެއް އަންނާނެކަމަށް ގަބޫލުކުރާކަމަށް ޓީޓީ އެސޯސިއޭޝަނުންވަނީ ބުނެފައެވެ.
މިމުބާރާތުގައި ދެ ޑިވިޝަނުންވެސް ކުޅުންތެރިން ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ސިންގަލްސް، ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި ޓީމް އިވެންޓްތައް ހިމެނޭހެންނެވެ.
22 ވަނަ ކޮމަންވެލްތް ޓީޓީ ޗެންޕިއަންޝިޕަކީ ދިއްލީ ގަވަރމަންޓް އޮފް ޓޭބަލް ޓެނިސް އަދި ޓޭބަލް ޓެނިސް ފެޑެރޭޝަން އޮފް އިންޑިއާ ގުޅިގެން އިންތިޒާމުކުރާ މުބާރާތެކެވެ. މިމުބާރާތުގައި 35 ގައުމަކުން އެތްލީޓުން ވާދަކުރެއެވެ.