އީރާނާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ނަމަވެސް އެ ޤައުމަށް ނިއުކްލިޔަރ ހަތިޔާރު ހޯދުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވޮޝިންގޓަނުގައި ބޭއްވި ވައިޓް ހައުސްގެ ނޫސްވެރިންގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުން އެމެރިކާއާ ވާހަކަދައްކަން ބޭނުންވާ ކަމަށާއި، ނަމަވެސް ތެހްރާނުން އެ ކަމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި، އެމެރިކާގެ ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާ ބަލިކަށިކޮށްލާފައިވާނެ ކަމަށާއި، 250 އަސްކަރީ މަތިންދާބޯޓާއި، 159 މަނަވަރު ނައްތައިލާފައިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ދެ ޤައުމުން ޞުލްޙައިގެ މަޝްވަރާތައް ކުރިއަށްގެންދާ ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އީރާންގެ އެކި ސަރަޙައްދުތަކަށް ޢުދުވާނީ ހަމަލާތައް އަމާޒު ކުރަމުންނެވެ. އަދި، ޓްރަމްޕް ވަނީ ރައްދުގައި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދެމުންދާ އީރާންގެ އަސްކަރިއްޔާއަށް އަދަބު ދެއްވާނެ ކަމުގައި ވިދާޅުވެ، އިންޒާރު ދެއްވާފައެވެ. ދެ ފަރާތުން އަމަލުކުރަމުންދިޔަ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން އުވުނު ފަހުން ދެ ހަފުތާ ފާއިތުވެފައިވާއިރު، އެމެރިކާގެ ޢުދުވާނީ ހަމަލާތަކުގެ ރައްދުގައި އީރާނުުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) އަދިވެސް ދަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާ ދެމުންނެވެ. އެންމެ ފަހުގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ކުވައިތާއި ބަޙްރައިނަށެވެ. އެންމެ ފަހުން ހަމަލާބަދަލުކުރަން ފަށާފައި ވަނީ، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު ނެގުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އެ ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅިފައިވާއިރު، މި ކަމުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ވަނީ ނުރައްކާވެފައެވެ.
މި ދަނޑިވަޅުގައި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ ކަޒަކިސްތާނާއި ކިރްގިސްތާނަށް ވަޑައިގަންނަވައި، ރަޝިޔާއާއި ޗައިނާގެ ޚާރިޖީ ވަޒީރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވަނީ، އެމެރިކާގެ ޣައިރުޤާނޫނީ ހަނގުރާމައާމެދު މޮސްކޯއިން ގެންގުޅޭ ސިޔާސަތަަށް ތަޢުރީފު ކުރައްވާފައެވެ. އަދި، ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ގެއްލުނީ އެމެރިކާގެ ޢަމަލުތަކުގެ ސަބަބުން ކަމުގައި ތުހުމަތު ކުރައްވާފައެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޢަރާޤިޖީ ވަނީ، އީރާންގެ މަދަނީ ބިނާރާއި އުމްރަނީ ވަސީލަތްތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކަކީ ހަނގުރާމައިގެ ކުށްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، އެ ފަދަ ޣައިރުޤާނޫނީ ކުށްތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ތެދުވުމަށް ގޮވައިލައްވާފައެވެ. މި ދަނޑިވަޅުގައި، އީރާނާއި އެމެރިކާއާ ދެމެދު ޞުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް ޕާކިސްތާނުން ދަނީ މަސައްކަތް ކުރަމުންނެވެ. އީރާންގެ ދާޚިލީ ވަޒީރު އިސްކަންދަރު މުއުމި
ން އިސްލާމްއާބާދަށް ކުރެއްވި ދަތުރުފުޅުގައި މި ކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
މި ދަނޑިވަޅުގައި ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ރަތް ކަނޑާއި ބާބުލް މަންދަބް ކަނޑުއޮޅީގައި އަސްކަރީ ހަރަކާތްތައް ފުޅާކުރުމާ ގުޅިގެން އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބާބުލް މަންދަބް ކަނޑުއޮޅީގެ ޙިޞާރު ހުއްޓުވުމަށް އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއިން އަސްކަރީ ފިޔަވަޅުތައް އަޅާނެ ކަމުގައި މާހިރުން ލަފާކުރެއެވެ. އެ ސަރަޙައްދުން ދަތުރުކުރި ދެ ޓޭންކަރަކަށް ޙޫޘީން ހަމަލާދިނުމާ ގުޅިގެން ކަނޑު ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ޓޭންކަރުތައް ދަތުރުކުރާ މަގު ވަނީ ބަދަލުކުރަން މަޖުބޫރުވެފައެވެ. މިއާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް އުފުލިގެންދާނެ ކަމުގައި އިޤުތިޞާދީ މާހިރުން އިންޒާރު ކުރެއެވެ.
މީގެ 13 ދުވަސް ކުރިން، ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން އުވައިލުމަށްފަހު އެމެރިކާއިން އީރާންގެ ރަށްތަކަށް ދޭން ފެށި ޢުދުވާނީ ހަމަލާތަކުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 59 އަށް އުފުލިފައެވެ. އަދި، އިތުރު 666 މީހުން ޒަޚަމު ކޮށްލާފައިވާ ކަން އީރާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ކަށަވަރު ކޮށްދެއެވެ. ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފެށި ހަނގުރާމައިގައި އީރާނުން ވެސް ވަނީ އެމެރިކާ ސިފައިންގެ 18 މީހުން މަރައިލާފައެވެ. ޒަޚަމުވެފައި ވަނީ އެންމެ 100 ސިފައިން ކަމުގައި އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ބުނި ނަމަވެސް، އެ ޢަދަދު 500 އަށްވުރެ އިތުރުވާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ހަނގުރާމަ އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ޓްރަމްޕަށް ލަފާދިނުމަށް ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންުޔާހޫ ކުރިއަށް އޮތް ހަފުތާގައި ވޮޝިންގޓަނަށް ދަތުރުކުރާނެއެވެ.