ނ .ވެލިދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިމިއްޖެއެވެ.
މި ޕާކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. މި ވައުދާ އެއްގޮތަށް ޕާކުގެ މަސައްކަތް ނިންމުމަކީ، ރަށުގެ އިޖުތިމާއީ ދިރިއުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެރަށުގެ ރައްޔިތުން ދެކެއެވެ.
މިމަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ކުންފުނި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ވިދާޅުވީ، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން ކުރިއަށްދިޔަ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
މި މަޝްރޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އާރުޑީސީން ވިދާޅުވީ، މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫއަށް ޖުމްލަ 581,850.00 ރުފިޔާ ޚަރަދުވިކަމަށް އާރްޑީސީން މައުލޫމާތު ދެއްވައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އާރުޑީސީއާއިއެކު ސޮއިކޮށްފައިވަނީ، 29 މާރިޗު 2025 ގައެވެ. މި މަޝްރޫއުގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި ލޭންޑް ސްކޭޕިންގ އަދި ހާޑް ސްކޭޕިންގ މަސައްކަތްތަކުގެ އިތުރުން، ޕާކު ސެޓުތައް އިންސްޓޯލްކުރުން ހިމެނެއެވެ. 2700 އާބާދީއެއް އޮންނަ ވެލިދޫގައި މި ޕާކު ތަރައްޤީ ކޮށްފައިވަނީ، އެރަށުގެ ދެކުނު އަވަށުގައެވެ. ވެލިދޫގެ އާބާދީ އިތުރުވެފައިވަނީ، އެ އަތޮޅުގެ މަގޫދޫއާއި ތޮޅެންދޫ މީހުން ވެލިދުއަށް ހިޖުރަ ކުރުމުންނެވެ.