އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޖަރުމަނުގެ ބަޔާން މިއުނިކާއެކު އޮތް އެއްބަސްވުން އާކުރުމުގެ މަޝްވަރާތަކަށް ތައްޔާރުވެއްޖެއެވެ.
ކްލަބާއެކު އޮތް އެއްބަސްވުން ކުރިއަށް އޮތް ސީޒަންގެ ނިޔަލަށް ހަމަވާތީ، އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯރތްތައް ބުނެއެވެ. އަދި މަޝްވަރާތަކުގައި ކުރިއެރުންތައް އޮތް ކަމަށް ރިޕޯރޓްތައް ބުނެއެވެ. 32 އަހަރުގެ ފޯވާޑް ކްލަބްގައި ބަހައްޓަން ބަޔާނުން ބޭނުންވާކަން ކޭން އަށް އިނގެއެވެ. އެހެންކަމުން އިނގިރޭސި ފޯވާޑް ހުރީ ކްލަބާއެކު އާ އެއްބަސްވުމަކަށް ދިއުމުގެ މަޝްވަރާތަކަށް ތައްޔާރަށެވެ.
2023 ވަނަ އަހަރު ޓޮޓްނަމް ދޫކޮށް، ކޭން ބަޔާން މިއުނިކަށް ބަދަލުވީ 86 މިލިއަން ޕައުންޑަށެވެ. މިދިޔަ މުއްދަތުގައި އޭނާ ވަނީ ކްލަބާއެކު ބުންޑަސް ލީގު ދެފަހަރު އަދި ޖަރމަން ކަޕް އެއްފަހަރު ހޯދާފައެވެ. ބަޔާންއަށް ކުޅެދިން 134 މެޗުން 146 ގޯލް ޖަހައިދިނެވެ. ނިމިގެންދިޔަ ވަރލްޑްކަޕްގައި އިނގިރޭސި ޓީމާއެކު ތިންވަނަ ހޯދިއިރު، 6 ގޯލް ޖެހިއެވެ.
ބަޔާން އޮތީ ކޭންއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހި، ކްލަބްގައި ބަހައްޓަން ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ. ޔޫރަޕާއި އެހެން ބައްރުތަކުގެ ކްލަބްތަކުގެ ޞައުގުވެރިކަންވެސް ކޭން އަށް އެބައޮތެވެ. އޭގެތެރޭގައި ބާސެލޯނާވެސް ހިމެނޭ ކަމަށް ރިޕޯރޓްތައް ބުނެއެވެ. އަދި ސައުދީގެ މުއްސަނދި ކްލަބްތަކުގެ ޞައުގުވެރިކަންވެސް ކޭންއަށް އެބައޮތެވެ.