އިނގިރޭސިވިލާތުގެ މެންޗެސްޓާގެ ވާދަވެރި ދެ ކުލަބުގެ ތެރެއިން އެ ސިޓީގެ ރަސްކަން އޮތީ ޔުނައިޓެޑްގެ ބަދަލުގައި ސިޓީ އަށް ކަމަށް ރެކޯޑް އަދަދެއް ކަމަށްވާ 116 މިލިއަން ޕައުންޑަށް ސިޓީ އަށް ސޮއިކުރި މިޑްފީލްޑަރު އެލިއޮޓް އެންޑަސަން ބުނެފި އެވެ.
ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސިޓީ އަށް ސޮއިކުރުމަށްފަހު އެންޑަސަން މިހެން ބުނި ނަމަވެސް ދެ ކުލަބު ކުރެ ސިޓީގެ ކާމިޔާބީތައް ޔުނައިޓެޑާ އަޅާ ވެސް ނުކިޔޭނެ އެވެ. އެކަމަކު ފާއިތުވެދިޔަ 10 އަހަރު ސިޓީ ހޯދި ކާމިޔާބީ ހޯދިއިރު ޔުނައިޓެޑުން ތިބެން ޖެހުނީ ކުޅި ބަލާށެވެ.
ސިޓީ އަށް ސޮއިކުރުމަށްފަހު 23 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ސިފަކުރީ އެއީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބުގެ ގޮތުގަ އެވެ.
"އަހަރެން މިހުރީ ކެތް މަދުވެފައި މި ކުލަބަށް ކުޅެން. މިއީ ތަށި ހޯދަން ތައްޔާރުވެފައި އޮތް އެންމެ މަތީ ފެންވަރުގައި ވާދަކުރާނެ ޓީމެއް. ކޮންމެ ކުޅުންތެރިއަކު ވެސް މިތަނުގައި ކުޅެން ބޭނުންވާނެ. އަހަރެންގެ ނަޒަރުގައި މިއީ ޗެމްޕިއަނެއް. މިދިޔަ 10 ނޫނީ 12 އަހަރަށް ބަލާއިރު މިއީ ޑޮމިނޭޓް ކުރި ކުލަބު. މިއީ އަހަރެން ސިޓީ އަށް ކުޅެން ސޮއި ކުރި ސަބަބަކީ،" އެންޑަސަން ބުންޏެވެ.
ކުރިއަށް އޮތް އިނގިރޭސި ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރާނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.
"މިއީ އެންމެ ވާދަވެރި އެއް ޑާބީ ދުނިޔޭގެ. އަހަރެންނަށް ފެނުނުތަނުގައި މެންޗެސްޓާގެ ކިންގަކީ މެންޗެސްޓާ ސިޓީ. މި ދެ ކުލަބުގެ މެޗަކީ އެންމެ ވާދަވެރި މެޗު އަހަރެން މިހުރީ މި މެޗުގައި ކުޅެން މިހާރު ވެސް ކެތްމަދުވެފައި،" އެންޑަސަން ބުންޏެވެ.
ނިމިގެންދިޔަ ވޯލްޑް ކަޕުގައި އިނގިރޭސި ގައުމީ ޓީމުގެ މެދުތެރެ ބެލެހެއްޓި އެންޑަސަން އަކީ ނިއުކާސަލްގެ ޔޫތު ޓީމުތަކުން ތަމްރީނުވި ކުޅުންތެރިއެކެވެ. އޭނާ ފޮރެސްޓަށް މީގެ ދެ ސީޒަން ކުރިން ސޮއި ކުރީ ނިއުކާސަލް އަށް 55 މެޗު ކުޅެދީފަ އެވެ. އޭނާ އިނގިރޭސި ގައުމީ ޓީމަށް ނެގީ ހުސްވި ސީޒަން ތެރޭގަ އެވެ. ނަމަވެސް ކުރު މުއްދަތެއްގައި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށް އެންޑަސަން ވަނީ ވެފަ އެވެ.