މިދިޔަ އާދީއްތަ ދުވަހު ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޑްރީމް ޓީމު ފީފާއިން އިއުލާނު ކޮށްފި އެވެ.
މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ސަޕޯޓަރުންގެ ވޯޓާއެކު ހޮވި ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކީޕަރަކަށް ކާބޯވޭޑޭގެ ކީޕަރު ވޮޒީނިއާ ހިމެނުމެވެ. އޭނާ ވަނީ ސްޕޭނަށް ގޯލެއް ޖެހުނަނުދީ ގޯލް ބަލަހައްޓައި އާޖެންޓީނާ އަށް އިތުރު ވަގުތު ކުޅެން ޖެހުމުގައި އެ ޓީމުން އެންމެ މުހިންމު ދައުރެއް އަދާކުރި ކީޕަރެކެވެ.
މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނު ސްޕޭނުގެ ކީޕަރު އުނާއީ ސިމޮން އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ސްޕޭނުގެ ޕައު ކުބާސީ އަށް މި ޓީމުން ޖާގަ ލިބިފައިނުވެ އެވެ. ނަމަވެސް އެންމެ ގިނަ ކުޅުންތެރިން ހިމެނުނީ ޗެމްޕިއަންކަން ހޯދި ސްޕޭނުންނެވެ.
ފޯ، ތްރީ،ތްރީ ފޯމޭޝަނަށް އެކުލަވާލި ޓީމުގެ ފަހަތުގައި ތިބީ ސްޕޭނުގެ ޕެޑްރޯ ޕޮރޯ އާއި ފައިނަލް ކުޅުނު އާޖެންޓީނާގެ ލިސަންދްރޯ މާޓިނޭޒް އާއި ހަތަރު ވަނަ ހޯދި ފްރާންސްގެ ޑިފެންޑަރު ޑަޔެޓް އުޕަމެކާނޯ އާއި ސްޕޭނުގެ މާކް ކުކުރޭޔާ އެވެ.
މިޑްފީލްޑަރުންނަކީ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ ސްޕޭނުގެ ކެޕްޓަން ރޮޑްރީ އާއި ފްރާންސްގެ މައިކަލް އޮލީސޭ އާއި މުބާރާތުން ތިން ވަނަ ހޯދި އިންގްލޭންޑްގެ ޖޫޑް ބެލިންހަމެވެ. އޭނާ އަކީ މުބާރާތުގެ ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. އަނެއް ކުޅުންތެރިއަކީ ފޯވަޑް ލައިނުން ޖާގަ ހޯދި ނޯވޭގެ އާލިން ހާލަންޑެވެ.
އޭނާއާއެކު ފޯވަޑް ލައިނުގައި ތިބީ ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި މި ފަހަރުގެ މުބާރާތުގެ ރަންބޫޓު ހާސިލްކުރި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ.