ޚަބަރު

ފުޓުބޯޅަ ރޭންކިންއަށް ބަދަލުތަކެއް، އެންމެ ބޮޑު ކުރިއެރުމެއް ނޯވޭއަށް


  • ރޭންކިންގެ އެއްވަނަ ސްޕެއިނަށް

  • އެންމެ ބޮޑު ވެއްޓުމެއް ޓިއުނީޝިޔާއަށް

ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް 2026އަށްފަހު، ފުޓުބޯޅައިގެ ދުނިޔޭގެ ރޭންކިންއަށް ނުވަތަ ފުޓުބޯޅައިގައި ޓީމުތައް ދަރަޖަ ކުރެވިފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ.

ފީފާއިން މިމަހުގެ 20ވަނަ ދުވަހު އާންމުކުރި ރޭންކިންއަށް ބަލާއިރު އެއްވަނަ ލިބެނީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ސްޕެއިނަށެވެ. ދެވަނަ ލިބެނީ ރަނަރަޕް އާޖެންޓީނާއަށެވެ. މި ރޭންކިން އާންމުކުރުމުގެ ކުރިން ރޭންކިންގެ އެއްވަނައިގައި އޮތީ އާޖެންޓީނާއެވެ.

ރޭންކިންގެ ތިންވަނައިގައި ވޯލްޑް ކަޕުގެ ހަތަރުވަނަ ލިބުނު ފްރާންސް އޮތްއިރު ހަތަރުވަނަ ލިބެނީ ވޯލްޑް ކަޕުގެ ތިންވަނަ ހޯދި އިނގިރޭސިވިލާތަށެވެ. އަދި ތާވަލުގެ ފަސްވަނައިގައި އޮތީ ފަސް ފަހަަރަށް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، މިފަހަރުގެ މުބާރާތުގެ ރައުންޑް އޮފް 16 އިން މުބާރާތާ ވަކިވާން ޖެހުނު ބްރެޒިލްއެވެ.

ރޭންކިންގައި މިފަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ތާވަލުގެ 19ވަނައިގައި އޮތް ނޯވޭއަށެވެ. އެ ޤައުމު ކުރިން އޮތީ ފީފާ ރޭންކިންގެ 31ވަނައިގައެވެ. ނޯވޭ ވަނީ ގިނަބަޔަކު ހައިރާންކޮށްލައި، ރައުންޑް އޮފް 16ގައި ބްރެޒިލް ބަލިކޮށްފައެވެ. ނޯވޭއަށް ވޯލްޑް ކަޕް ނިމުނީ ކުއާޓަރ ފައިނަލާ ހަމައިންނެވެ.

ރޭންކިންގައި އެންމެ ބޮޑު ވެއްޓުމެއް އައީ 57ވަނައިގައި އޮތް ޓިއުނީޝިޔާއަށެވެ. ހަ ދަރަޖަ ފަހަތަށް ވެއްޓުނު ޓިއުނީޝިޔާ ކުރިން އޮތީ 51ވަނައިގައެވެ.

ރޭންކިންއަށް ބަލާއިރު މޮރޮކޯއިން ވަނީ އެ ގައުމަށް ރޭންކިންގައި ތާރީޚުގައިވެސް ލިބުނު އެންމެ މަތީ ދަރަޖަ ހޯދާފައެވެ. ރޭންކިންގައި މޮރޮކޯ މިހާރު އޮތީ ހަވަނައިގައެވެ.

ވޯލްޑް ކަޕުގައި ގިނަބައެއްގެ ލޯބި ހޯދި ކޭޕް ވާޑޭ ވެސް ވަނީ ރޭންކިންގައި ތިން ދަރަޖަ ކުރިއަށް ޖެހިލާފައެވެ. އެ ޤައުމަށް ރޭންކިންގައި މިހާރު ލިބެނީ 64ވަނައެވެ.