ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ތަރައްޤީއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން ދެޤައުމުގެ މަސްލަހަތު ހިއްސާކުރާ އެހެނިހެން ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކޮސޯވޯއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރެއްވީ، ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު ލޫލްޒީމް ޕްލާނާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޮސޯވޯ ސަރުކާރުން ރާއްޖެއަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދެއްވަމުންގެންދަވާތީ އެކަމަށްޓަކައި ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ތަރައްޤީއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން ދެޤައުމުގެ މަސްލަހަތު ހިއްސާކުރާ އެހެނިހެން ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން، އެއް ޤައުމުން އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން، ދެމެހެއްޓެނިވި ޢަމަލީ ނަތީޖާތަކަކަށް ބަދަލުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ޢަޒުމް ދެބޭފުޅުން ވަނީ އައުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ކޮސޯވޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.