ޚަބަރު

ސީނިއާ ނެޓްބޯޅަ ޓީމު އިތުރު ތަޖުރިބާއަށް ލަންކާއަށް ދަނީ


  • މިއީ އަންނަމަހު ބާއްވާ 14 ވަނަ ނެޓްބޯލް ޗެންޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ދަތުރެއް

ސީނިއާ ނެޓްބޯޅަ ޓީމު އިތުރު ތަޖުރިބާ ހޯދުމަށް އެކްސްޕޯޝަރ ދަތުރެއްގައި ސްރީލަންކާއަށް ފުރަން ތައްޔާރުވެއްޖެއެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ މި ދަތުރުގެ ތެރެއިން ގައުމީ ސީނިއާ ނެޓްބޯޅަ ޓީމު ލަންކާގެ ޓީމުތަކާއި ދެކޮޅަށް ވާދަވެރި މެޗުތައް ކުޅުމުގެ އިތުރުން ޓްރޭނިން ސެޝަންތަކެއްގައިވެސް ބައިވެރިވާނެއެވެ.

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމަތުދީފައިވާ ގޮތުގައި މިފަދަ ދަތުރެއް އިންތިޒާމުކުރުގެ ބޭނުމަކީ ގައުމީ ޓީމު އިތުރަށް ވަރުގަދަކޮށް ބައިނަލްއަގްވާމީ މެޗު ތަޖުރިބާތައް ހޯދައިދިނުމެވެ. އަދި މި ދަތުރަކީ އަންނަމަހުގެ 7 އިން 15 އަށް ހޮންގކޮންގުގައި އޮންނަ 14 ވަނަ ނެޓްބޯލް ޗެންޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންތިޒާމުކުރި މުހިންމު ދަތުރެއްކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.

ގައުމީ ނެޓްބޯޅަ ޓީމުވަނީ ފާއިތުވެދިޔަ އަހަރުވެސް ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި ވާދަކޮށް ރާއްޖެއަށް ރަނގަޅު ވަނަތަކެއް ގެނެސްދީފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ މިދިޔަ އަހަރު ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ފަޚުރުވެރި ދެވަނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމު ހޯދުމެވެ.