ޚަބަރު

އަލް ހިލާލުން ހެރީ ކޭންގެ ސޮއި ހޯދަން މަސައްކަތް ފަށައިފި


  • ހިލާލްގެ ޓެކްނިކަލް ޑިރެކްޓަރު ވަނީ މަޝްވަރާތަކަށް ލަންޑަނަށް ގޮސްފައި

ސައުދީ އަރަބިއްޔާގެ އަލް ހިލާލުން، ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ސައުދީގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އަލް ހިލާލުގެ ޓެކްނިކަލް ޑިރެކްޓަރު ސައިމަން ފްރޭންސިސް ވަނީ މިކަމުގެ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ލަންޑަނަށް މިހާރު ގޮސްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ކޭންގެ އެޖެންޓާއި ފްރެންސިސް ބައްދަލުކުރުމަށް ވަނީ ތާވަލުކޮށްފައެވެ. މި ބައްދަލުވުމުގައި ކޭންގެ މުސާރައާ ގުޅޭ ޑިމާންޑުތަކާ ގުޅޭގޮތުންނާއި އޭނާގެ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

އަދި ބަޔާން މިއުނިކާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަޔާން މިއުނިކާއެކު ކޭން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބަޔާންއަށް ކޭންއާއެކު އެއްބަސްވުން އައު ނުކުރެވިއްޖެނަމަ، ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ކޭން އެހެން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި، އެހެން ކުލަބަކާއެކު ޕްރީ އެގްރީމަންޓެއް ހެދުމުގެ ފުރުސަތުވެސް އޭނާއަށް އޮންނާނެއެވެ.

2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯގައި، އިނގިރޭސިވިލާތުގެ ޓޮޓްނަމް ހޮޓްސްޕަރ އިން ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވި ކޭން ވަނީ، ފާއިތުވީ މުއްދަތުގެ ތެރޭގައި އެ ކުލަބު އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށް ވެފައެވެ.

05 މިލިއަން ޔޫރޯގެ ޓްރާންސްފަރ އެއްގެ ދަށުން ކޭން ބަޔާންއަށް ބަދަލުވިއިރު، އެ ކުލަބަށް ކުޅެދިން 147 މެޗުގައި އޭނާ ވަނީ 146 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި 33 އެސިސްޓުވެސް ކޮށްދީފައިވެއެވެ.

ބަޔާނާއެކު ކޭން ވަނީ ޖަރުމަނު ލީގު ދެ ފަހަރު އަދި ޖަރުމަނު ކަޕާއި ޖަރުމަނު ސުޕާ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.