ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: މަރުވާ ޢާންމުންގެ އަދަދު 37 އިންސައްތައަށް


2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި މަރުވެފައިވާ ޢާންމުންގެ ޢަދަދު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 37 އިންސައްތައިން އިތުރުވެފައިވާ ކަމަށް އދން ބުނެފިއެވެ.

ހަނގުރާމައިގައި މަރުވި ޢާންމުންގެ ޢަދަދު އިތުރުވެފައި މި ވަނީ ހަނގުރާމައިގައި ދެމުންދާ ހަމަލާތައް ފަހުގެ މަސްތަކުގައި ވަރުގަދަކޮށްފައި ވަނިކޮށެވެ. ދެ ފަރާތުން ވެސް މިސައިލްއާއި ޑްރޯންއާއި އެހެން ވަރުގަދަ ހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އދން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1،396 ޢާންމުން މަރުވެފައިވާ ކަމަށާއި 7،978 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އެ އިދާރާއިން ރެކޯޑުކޮށްފައިވާ ކަމަށެވެ. މި ޢަދަދަކީ މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅާ ބަލައިއިރު 37 އިންސައްތަ އިތުރު ޢަދަދަކަށް ވީއިރު، މަރުވި މީހުންނާއި ޒަޚަމްވީ މީހުންގެ ޢަދަދު އިތުރުވި މައިގަނޑު ސަބަބަކީ ދުރުން ދޭ ޙަމަލާތައް ވަރުގަދަވުން ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. އެ ފަދަ ހަމަލާތަކުގެ ސަބަބުން ހަނގުރާމައިގެ ކުރީ ސަފާ މާ ދުރު، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ގެއްލުން ދިނުމަށް މަގުފަހިވާ ކަމަށް އދން ބުނެއެވެ. ޖަނަވަރީ މަހާއި ޖޫން މަހާ ދެމެދު ދުރުން ދޭ ހަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 60 އިންސައްތައިން އިތުރުވެފައިވެއެވެ. އޭގެ އިތުރުން ކައިރިން ދޭ ހަމަލާތަކުގެ ސަބަބުން ވެސް ހަނގުރާމަ އެންމެ ބޮޑަށް ކުރަމުންދާ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވެސް އދން ފާހަގަކޮށްފައިވެއެވެ.

2022ވަނަ އަހަރުގެ އޭޕްރިލް މަހަށް ފަހު މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް ޢާންމުން މަރުވެފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެެވެ. އެ މަހު އެކަނި 293 ޢާންމުން މަރުވެ 1،990 މީހުންނަށް ޒަޚަމްވެފައިވެއެވެ. އދން ބުނީ ޖޫން މަހުގެ ތެރޭގައި ޢާންމުން މަރުވި ޢަދަދު އޭގެ ކުރީ މަހާ އަޅާބަލައި އިރު 10 އިންސައްތަ އިތުރު ކަމަށެވެ.

ރަޝިޔާއިންނާއި ޔޫކްރެއިންއާ ދެ ޤައުމުން ވެސް ބުނަނީ ދެ ޤައުމުން ވެސް ޢާންމުންނަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިންއިން ވެސް ރަޝިޔާއިން ވެސް ދީފައިވާ ގިނަ ހަަމަލާތަކެއްގައި ޢާންމުން މަރުވެފައި ވާތީ އދން ވަނީ އެ ހަމަލާތައް ކުށްވެރިކޮށްފައެވެ. ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން ޢާންމުންނަށާއި ޢާންމުންގެ ބިނާރަށް ހަމަލާ ދިނުމަކީ މުޅިން މަނާ ކަމެއް ކަމަށާއި، އެ ފަދަ ހަމަލާއެއް ގަސްދުގައި ދީފި ނަމަ އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ވެސް އދން ބުނެފައިވެއެވެ.

2022ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޖުމްލަ 16،431 ޢާންމުން މަރުވެ 48،613 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އދން ބުނެއެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ހަޤީޤީ ޢަދަދުތައް އެއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އދން ބުނެފައިވެއެވެ.