ކުޅިވަރު

އާޖެންޓީނާއަށް ނުގޮސް މެސީ އެމެރިކާގައި


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު އާޖެންޓީނާ އަށް ދިއުމުގެ ބަދަލުގައި ކެޕްޓަން ލަޔޮނަލް މެސީ އެމެރިކާގައި މަޑުކޮށްފި އެވެ.

މެސީގެ އިތުރުން މުހިންމު ބައެއް ކުޅުންތެރިން ވެސް ޓީމާއެކު ގައުމަށް ނުގޮސް އެކި މަންޒިލްތަކަށް ވަނީ މިސްރާބު ޖަހައިފަ އެވެ. ނަމަވެސް އެނބުރި އާޖެންޓީނާ އަށްދިޔަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ. ޓީމާއެކު ގޯލްކީޕަރު އެމެލިއާނޯ މާޓިނޭޒާއި ކޯޗު ލަޔޮނަލް ސްކަލޯނީ ވެސް ގައުމަށްދިޔަ އެވެ.

ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ ސްޕޭން އަތުން އިތުރު ވަގުތުގައި 1-0އިން ބަލިވި އާޖެންޓީނާގެ ކުޅުންތެރިންގެ ތެރެއިން ޓީމާއެކު ގައުމަށް ނުދަނީ މެޗުގައި ރަތްކާޑު ދެއްކި އެންޒޯ ފެނާންޑޭޒް އާއި ލައުޓާރޯ މާޓިނޭޒް އާއި ހޫލިއަން އަލްވަރޭޒް އާއި ޖަރޮނީމޯ ރުއްލީ އާއި ނޮކޯ ޕަޒް އަދި ކްރިސްޓިއަން ރޮމޭރޯ އާއި މޮލީނާ އަދި ހުއާން މޫސޯ އެވެ. އާޖެންޓީނާގެ މީޑިޔާތަކުން ބުނާ ގޮތުގައި މި ކުޅުންތެރިން އިހްތިޔާރު ކުރީ އެ މީހުންގެ ކުލަބާ ގުޅެން ނުވަތަ ޗުއްޓީ އަށް ކޮންމެވެސް ގައުމަކަށް ދިއުމަށެވެ.

މެސީ އެމެރިކާގައި މަޑުކުރީ އޭނާ ދިރިއުޅެނީ އެ ގައުމުގައި ކަމަށްވާތީ އެވެ. އޭނާއާއެކު އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅޭ ރޮޑްރީގޯ ޑިޕޯލް އާއި މެސީ ކުލަބާ ގުޅޭނީ ޗުއްޓީ ހޭދަކުރުމަށްފަހު އެވެ.

އާޖެންޓީނާގެ ސަރުކާރުން ވަނީ ޓީމަށް މަރުހަބާ ކިއުމަށް މާބޮޑު ރަސްމިއްޔާތެއް ނުބާއްވަން ނިންމައިފަ އެވެ. ނަމަވެސް ކުޅުންތެރިންނާ ނިންމާ ދުވަހެއްގައި ސަރުކާރު ބަންދުކޮށް ސަޕޯޓަރުންނާއެކު އުފާފާޅު ކުރާނެ ދުވަހެއް ހަމަޖައްސަން ވަނީ ރާވައިފަ އެވެ.