ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް އޭންޑީ ބަރނަމް


އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް ވެރިކަންކުރާ ލޭބަރ ޕާޓީގެ އޭންޑީ ބަރނަމް ޢައްޔަނުކޮށްފިއެވެ. އެއާއެކު ބާންހަމް ވެގެން ގޮސްފައި މި ވަނީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުން ޢައްޔަނުކޮށްފައިވާ 7ވަނަ ބޮޑުވަޒީރަށެވެ.

ބަރނަމް ވަނީ އޭނާގެ ވެރިކަމުގައި ޤައުމުގެ އިޤްތިޞާދީ ނިޒާމު ހަރުދަނާކޮށް، ޤައުމުގެ އިސްވެރިިން އަވަސްއަވަހަށް ބަދަލުވުމުގެ ސަބަބުން ސަރުކާރުތަކުގެ ހިންގުމާމެދު ހިތްހަމަނުޖެހިފައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ބަރނަމްގެ އައު އޮފީސް އަދި ގެކޮޅުގެ ކުރިމަތީގައި ހުންނަވާ ވާހަކަދައްކަވަމުން ބާންހަމް ވިދާޅުވީ ޤައުމަށް ހަމަޖެހުން ގެނެސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސިޔާސީވެރިން ނާކާމިޔާބުވެފައިވާ ކަމަށެވެ. އެ ކަން ބަދަލުކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގަންނަވާ ބަރނަމް ވިދާޅުވީ ވަގުތީ ޙައްލުތައް ގެނައުމުގެ އިތުރުން، ދާއިމީ ޙައްލަކަށް މަސައްކަތް ކުރުަމަށް މި އަހަރުގެ ތެރޭގައި ރޭވުންތައް ރާއްވަވާނެ ކަމަށެވެ. އެ ގޮތުން ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ މަގުޗާޓު އެކުލަވައިލައްވާނެ ކަމަށް އޭނާ ވިިދާޅުވިއެވެ.

ބަރނަމް ވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށް މިހާރުން މިހާރަށް އަޅުއްވާނެ ފިޔަވަޅުތައް ނިންމަވާ އެ ކަމަށް ފައިސާ ހޯއްދަވާނެ ގޮތުގެ ތަފްޞީލް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ދިގު މުއްދަތުގައި ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތައް ޙައްލުކޮށް ވެލްފެއާއަށް ކުރާ ޚަރަދު ކުޑަކުރުމަށް އިޖްތިމާޢީ ގެދޮރު އެޅުއްވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ ގޮތަށް ޢަމަލުކުރުމުން ދިފާޢީ ދާއިރާއަށް ޚަރަދުކުރުަމަށް ލިބޭ ފައިސާ އިތުރުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވިލާތުގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ފާއިތުވި އަހަރުތަކުގައި އިނގިރޭސިވިލާތުގައި ވެސް ތަކެތީގެ އަގު ބޮޑުތަނުން އުފުލި އިޤްތިޞާދީ ކުރިއެރުން މަޑުޖެހިފައިވާ ކަމަށެވެ. ސިޔާސީ މަސްރަހުގެ ސަބަބުން ރައްޔިތުން ފޫހިވެފައި ތިބި ކަން ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެ، ސަރުކާރަށް އެދެވޭ ގޮތަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށް އޭނާ އިޢުތިރާފުވެވަޑައިގެންނެވިއެވެ. އަދި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ވެސް އޭނާ އެއްބަސްވެވަޑައިގަތެވެ.

ބަރނަމް ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްެރަމްޕްއާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ކަމަށެވެ. ޔޫކްރެއިންއާއެކު އިނގިރޭސިވިލާތުން ވާ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.