ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ތަމްރީން ދިނުމަށް ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވަރސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް ގާއިމުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ މި ޕްރޮގްރާމްތަކުގެ އަލީގައި މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމަށް މަގުފަހިވާނެކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުމުގެ އިތުރުން، ލީޑަރޝިޕް ތަރައްގީކުރުމާއި، ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެއްބަސްވުމުގެ ދަށުން ލިބޭނެކަމަށް ހާމަކޮށްފައިވެއެވެ.
ބީއެމްއެލް އެކެޑަމީގެ މަޤްސަދަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިންގ ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމެވެ.
މީގެ ކުރިންވެސް އެ އެކެޑަމީން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް، ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީ އާއެކު އެއްބަސްވުންތައް ޤާއިމްކޮށްފައެވެ.
ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް ބީއެމްއެލްއިން ޚާއްސަ އިސްކަމެއްދެއެވެ. އެގޮތުން ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ބީއެމްއެލް އެކެޑަމީން ދަނީ ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކާއެކު މަސައްކަތްކުރަމުންނެވެ.