ޚަބަރު

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި


  • ރޭ 22:20 އިން ފެށިގެން ކުރެވުނު މަސައްކަތުން ކޮންޓްރޯލް ކުރެވުނީ މިއަދު 08:00 ހާއިރު

  • އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށްޓަކައި އަދި އިތުރު ވަގުތު ހޭދަވާނެ

ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖްކުރާ ސައިޓުގައި ރޭގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު، އިތުރަށް ފެތުރިގެން ނުދާނެ ވަރަށް މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:20 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ތިލަފުށީ ފަޔަރ ސްޓޭޝަނާއި މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ ވަރުގަދަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

ފަޔަރފައިޓަރުން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާނެ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރުއެވެ. ނަމަވެސް، އަލިފާން ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމަށްވާތީ، ކުނިތަކުގެ އަޑީގައި އަދިވެސް އަލިފާނުގެ އަސަރު ހުރުމުން ފަޔަރފައިޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމަށްވާތީ، އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށްޓަކައި އަދި އިތުރު ވަގުތު ހޭދަވާނެ ކަމަށް ބެލެވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.