ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026ގެ ޓޮޕް ސްކޯރަރގެ މަގާމު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން، މުޙައްމަދު އިލާން އިމްރާން ހޯދައިފިއެވެ.
ހަ ޓީމު ހިމެނޭހެން ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދާފައިވާއިރު، މުބާރާތުގެ ޓޮޕް ސްކޯރަރގެ މަގާމު އިލާން ހޯދީ ޖުމްލަ 14 ލަނޑު ކާމިޔާބުކޮށްގެންނެވެ.
މި 14 ލަނޑުގެ ތެރޭގައި، ފައިނަލް މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކޮޅަށް ޖެހި ހިތްގައިމު ލަނޑުވެސް ހިމެނެއެވެ. މެޗުގެ 74 ވަނަ މިނެޓުގައި ޖެހި މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިއާ ތެރެއިން ނިއުގެ ދެ ކުޅުންތެރިން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މުބާރާތުގެ ފައިނަލުގައި މާޒިޔާއިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މާޒިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ރައުންޑް ރޮބިން އުސޫލުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު އެންމެ މަތިން ޕޮއިންޓު ލިބޭ ދެ ޓީމެއް ފައިނަލުގައި ކުޅޭގޮތަށް ކުރިއަށްދިޔަ މި މުބާރާތުގައި މާޒިޔާއަށް މޮޅެއް ނުހޯދުނީ ލީގު ބުރުގައި ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުވީ އެއްވަރެވެ.
މާޒިޔާއިން މި ފުރިހަމަ ކާމިޔާބީ ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާގެ ޒުވާން ކޯޗު، އިބްރާޙީމް ސައީދު (ކަކާ) އެވެ.
މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން ހޮވައި، ފައިނަލް މެޗަށްފަހު ބޭއްވި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެކަމުގެ ޝީލްޑް ދީފައިވާއިރު، އެ 11 ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިންނަކީ މާޒިޔާއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
މުބާރާތުގެ ޗެމްޕިއަންކަން، މެޗަކުން ބަލިނުވެ މާޒިޔާއިން ހޯދައި، ރަނަރަޕްކަން ނިއުރޭޑިއަންޓުން ހޯދިއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ކެޔޮދޫ ރެކްރިއޭޝަން ކުލަބެވެ.
ދެން މި މުބާރާތުގައި ވާދަކުރީ އޮޑި ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބެވެ.