ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނަށް ހާއްސަ ރަން އަނގޮޓިއެއް ދޭން ފީފާއިން ނިންމައިފި އެވެ.
މި ގޮތުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމުގެ ކުޅުންތެރިންނާއި މުހިންމު އޮފިޝަލުންނަށް ހާއްސަކޮށް 30 އަނގޮޓި ތައްޔާރު ކުރާނެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ދޭނީ ރަމްޒީ އަނގޮޓި އެކެވެ. ކުޅުންތެރިންނާއި އޮފިޝަލުންނަށް އަނގޮޓި ހެޔޮވަރުކޮށް ހަދާފައި ދޭނީ މުބާރާތް ނިމުމުން ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނގިލިތަކުގެ މިންތައް ނެގުމަށްފަހު އެވެ. މި އަނގޮޓީގައި ޗެމްޕިއަންކަން ހޯދާ ގައުމުގެ ނަމާއި ވޯލްޑް ކަޕް ތަށި ކަނޑައި ނަގާފައި ހުންނާނެ އެވެ.
ފީފާއިން މުޅިން އަލަށް ތައާރަފް ކުރާ މި އަނގޮޓި އަކީ މުބާރާތް ބާއްވާ މައި ގައުމު އެމެރިކާގެ ކުޅިވަރުގެ ސަގާފަތް ދެމެހެއްޓުމުގެ ގޮތުން ކުރާ ކަމެކެވެ. ނަމަވެސް ފީފާއިން މި އަނގޮޓީގެ އަގެއް ނުބުނެ އެވެ.
އެމެރިކާގެ އެންބީއޭ އާއި އެހެން ބައެއް ކުޅިވަރު ތަކުގައި ވެސް ޗެމްޕިއަނުންނަށް މިފަދަ އަނގޮޓިދެ އެވެ. މި ގޮތުން ދޭ އަނގޮޓި ތައްޔާރުކޮށްފައިވަނީ ރަނާއި ޖަވާހިރުގެ މާއްދާތައް ވެސް ހިމަނައިގެންނެވެ. މިހެންވެ މިއިން އަނގޮޓިއެއްގެ އަގު އެއް ލައްކަ ޑޮލަރަށްވުރެ މަތިވެ އެވެ.
އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ބާއްވާ މުބާރާތުގައި މިކަން ކޮޕީކޮށް ފީފާއިން ތައްޔާރު ކުރަން ނިންމާފައިވަނީ 2026 އަނގޮޓި އެވެ. ކުޅުންތެރިންނާއި އޮފިޝަލުންނަށް 30 އަނގޮޓި ހާއްސަ ކުރުމަށްފަހު ބާކީ ބައި ސަޕޯޓަރުންނަށް ވިއްކާނެ އެވެ.