ޚަބަރު

ބޮޑު ތަރުހީބެއް ލިބުނު ޕީއެސްއެމް ވޯލްޑް ކަޕް ފިއެސްޓާ ނިންމާލައިފި


  • އެންމެ މަޤުބޫލު ބައެއް ބޭންޑުތަކުގެ ހުށަހެޅުންތައް ވަނީ ހުށަހަޅައިދީފައި

  • ފިއެސްޓާ ކުރިއަށް ގެންދިޔައީ ރޭގަނޑު 8:30 އިން 11:30އަށް

ފޯރިގަދަ ހަރަކާތްތަކަކަށްފަހު ޕީއެސްއެމްގެ ޒުވާނުންގެ ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

ޕީއެސްއެމްއިން ދަނީ، ވޯލްޑްކަޕާ ގުޅިގެން އާއްމުންނަށް ހުޅުވާލައިގެން ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ ކާނިވާތަކެއްވެސް ދަނީ ބާއްވަމުންނެވެ. ކާނިވާތައް ކުރިއަށް ދިޔައީ، ކުޑަކުދިންގެ ގޭމްތަކާއި ފުޑް ސްޓޯލްތައް ހިމެނޭގޮތަށެވެ.

ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ހަފުތާ ބަންދުގައި ކިޑްސް ކާނިވާ ބޭއްވިއިރު، ރޭގަނޑު 8:30އިން 11:30އަށް ޒުވާނުންނަށް ޚާއްސަ ކޮށްގެން "ވީ އާ 26 ޕީއެސްއެމް ފިއެސްޓާ"ގެ ނަމުގައި އަންނަނީ، ފިއެސްޓާއެއްވެސް ބާއްވަމުންނެވެ.

ވޯލްޑްކަޕްގެ މެޗުތައް ފެށުނީއްސުރެ ކޮންމެ ހަފުތާ ބަންދެއްގައިވެސް މި ހަރަކާތްވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތުގެ ތެރެއިން، ރާއްޖޭގެ ފާހަގަކޮށްލެވޭ ލައިވް މިއުޒިކް ޕާފޯމުކުރާ ބޭންޑުތަކުގެ ތެރެއިން އެންމެ މަޤުބޫލު ބައެއް ބޭންޑުތަކާއި، ބޮޑުބެރު ގްރޫޕުތަކާއި، ނެށުންތެރިންގެ ހުށަހެޅުންތަކުގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިންގެ ހުށަހެޅުންތައް ވަނީ ހުށަހަޅައިދީފައެވެ.

ސަރުކާރުގެ އެކި މުއައްސަސާތަކުންވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ. ކަރޯކޭއާއި އާމްރެސްލިންގެ އިތުރުން ފުޓް ސްޓޯލްތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ މި ފިއެސްޓާއަށް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ، މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެންމެ ގިނަ ޤައުމު ވާދަކުރާ އެންމެ ފޯރިގަދަ ވޯލްޑް ކަޕަށް ވާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ދިވެހިންނަށް ރާއްޖޭގައި ފެންނާނީ، ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.