ޚަބަރު

ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް މުޙައްމަދު އަޙްމަދު


  • މާލީ ދާއިރާގައި 40 އަށްވުރެ ގިނަ އަހަރު މަސައްކަތްކޮށްފައިވޭ

  • ދައުލަތުގެ އަދި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކެއް ވަނީ އަދާކުރައްވާފައި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ސީއީއޯގެ މަޤާމަށް މުޙައްމަދު އަޙްމަދު އައްޔަންކޮށްފިއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ސީއެމްޑީއޭއިން ވިދާޅުވީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް މުޙައްމަދު އަޙްމަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

މުޙައްމަދު އަޙްމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާގެ ތަޖުރިބާއާއެކު ސީއެމްޑީއޭގެ ހިންގުމަށް އިތުރު ކުރިއެރުމާއި ހަރުދަނާކަން ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ގަބޫލުކުރެއެވެ.

މުޙައްމަދު އަޙްމަދު ވަނީ އޭނާގެ ދިގު ޚިދުމަތުގެ ދައުރުގައި ދައުލަތުގެ އަދި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކެއް އަދާކުރައްވާފައެވެ. އޭގެތެރޭގައި މާލީ ވުޒާރާއާއި، ބޭންކް އޮފް މޯލްޑިވްސް، އަދި ސޮލަރެލް އިންޝުއަރެންސް ފަދަ މުއައްސަސާތައް ހިމެނެއެވެ. އޭނާއަކީ އިގްތިޞާދީ ތަރައްގީއާއި، ދައުލަތުގެ މާލިއްޔަތާއި، މުއައްސަސާތަކުގެ ލީޑަޝިޕްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަންނީ ބޭފުޅެކެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، މުޙައްމަދު އަޙްމަދު ވަނީ އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި އޭނާ ވަނީ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުޙައްމަދު ޙުސައިން މަނިކުއެވެ. އަދި އޭނާވަނީ މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ރިޓަޔަރ ކުރައްވާފައެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް، ތަރައްގީކުރުމަށްޓަކައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ އުފެއްދީ 2006ވަނަ އަހަރުއެވެ. މިއީ މިނިވަން މުއައްސަސާއެކެވެ. ސީއެމްޑީއޭގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސެކިއުރިޓީޒް ބާޒާރަށް ގުޅުންހުރި ކުންފުނިތަކަށް ލައިސަންސް ދިނުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުން ހިމެނެއެވެ.