ޚަބަރު

މުސްތަގްބަލާމެދު މަޝްވަރާ ކުރުމަށް ބަޔޭންގެ މެނޭޖްމަންޓާއި އޮލީސޭ ބައްދަލުކުރަނީ


  • އޮލީސޭ އަދިވެސް ހުރީ ފަރަންސޭސި ޓީމާއެކު އެމެރިކާގައި

މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފަރަންސޭސިވިލާތުގެ ޤައުމީ ޓީމުގައި އެންމެ ފާހަގަ ކޮށްލެވިގެންދާ އެއް ކުޅުންތެރިޔާ ކަމަށްވާ މައިކަލް އޮލީސޭގެ މުސްތަގްބަލާމެދު މަޝްވަރާ ކުރުމަށްޓަކައި އޭނާ ކުޅެމުންދާ ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔޭން މިޔުނިކްގެ މެނޭޖްމަންޓާއި އެކު ބައްދަލު ކުރުމަށް އޮލީސޭ އެދިއްޖެއެވެ.

ބަޔޭންގެ މެނޭޖްމަންޓާއެކު މިބައްދަލުވުން ބޭއްވުމަށް އޮލީސޭ އެދިފައިވާކަން މިހާރުވަނީ ޖަރުމަނުގެ މީޑިއާތަކުންވެސް ކަަށަވަރު ކޮށްދީފައެވެ. ބުނެވޭގޮތުގައި އޮލީސޭ މިބައްދަލުވުމަށް އެދިފައިވަނީ އޭނާގެ ހިތުގާ އުފެދިފައިވާ ބައެއް ސުވާލުތަކަށް ޖަވާބު ހޯދުމުގެ އިތުރުން ކްލަބްގައި އޭނާގެ ދައުރާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އޮލީސޭވަނީ އޭނާ އާންމުކޮށް ބަޔޭންގައި ކުޅޭ ވިންގް ގެ ބަދަލުގައި އެޓޭކިންގ މިޑްފީލްޑަރެއްގެ ރޯލުން ބޮޑަށް ފެނިގެން ގޮސްފައެވެ. އަދި ވޯލްޑް ކަޕްގެ ކުރީކޮޅު އޭނާގެ ބައިވެރިވުން މެޗުތަކުގައި ވަރަށް ބޮޑަށް ފެނިގެންދިޔަ ނަމަވެސް ފަހު ދެމެޗެއްގައި އޭނާގެ މޮޅު ކުޅުން ފެނިގެންދާގޮތެއް ނުވިއެވެ.

އޮލީސޭ ދޫކޮށްލަން އެއްވެސް ވަރަކަށް ބަޔޭން ބޭނުން ނުވި ނަމަވެސް އޭނާއަށް އަންނަނީ ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބް ތަކުން ފާރަލަމުންނެވެ. އަދި ބަޔޭން އާއި އެކު އޮލީސޭ ބައްދަލުވުމަށް މިހުރިހާ ކްލަބްތަކެއްގެ ނަޒަރުވަނީ ހުއްޓިފައެވެ. ބަޔޭން އިން ގަބޫލްކުރާގޮތުގައި މިބައްދަލުވުމާއި އެކު އޭނާ އެކްލަބްގައި މަޑުކުރަން އެއްބަސްކުރުވޭނެއެވެ. އޮލިސޭ ގެންދިއުމަށް އެންމެ ބޭނުންވެފައިވާ ކްލަބް ތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް އުޅޭކަމަށް ވާހަކަ ދެކެވޭނަމަވެސް އެކްލަބް އިންވަނީ އެފަރާތުން އޮލީސޭ އާއ ިއެއްވެސް ގުޅުމެއް ނެތްކަން ހާމަކޮށްފައެވެ. އަދި އޮލީސޭގެ މުސްތަގްބަލްގެ ހުރިހާ ބާރެއް މިވަގުތު އޮތީ ބަޔޭންގެ އަތުގައިކަމަށް ގިނަ ފަރާތްތަކުން އެއްބަސްވެއެވެ. މިގޮތުން ބަޔޭން އިން އޮލީސޭގެ ކޮންޓްރެކްޓް ބޮޑު މުސާރައާއެކު އާކޮށް ޓީމުގައި އޭނާގެ މުހިންމުކަން އިތުރު ކޮށްފިނަމަ އޭނާއަށް އެހެން ކްލަބްތަކުން ފާރަލާލުން މިވަގުތަށް ނިމުމަކަށް އަންނާނެއެވެ.

ބަޔޭންގެ މެނޭޖްމަންޓާއި އެކު ބާއްވާ ބައްދަލުވުން ބޭނުންވާ ގޮތަށް ނުގޮސް އެހެން ކްލަބަކަށް އޮލީސޭ ގެންދާ ނަމަވެސް އޭނާގެ ޓްރާންސްފަރ ފީ ރިކޯޑް އަދަދަކަށް އަރައިގެންދާނެކަމަށްވަނީ ބެލެވިފައެވެ. މިގޮތުން ނޭމާ ޕެރިސް ސެއިންޓް ޖާމެއިންއަށް ގެންދިއުމަށް ހޭދަކުރި 221 މިލިއަން ޔޫރޯގެ އަގާއި ގާތް ކުރާ އަދަދެއް ނުވަތަ އެއަށްވުރެ ބޮޑު އަގެއް ފެނިގެންދިއުމަކިވެސް ގާތްކަމެއް ކަމަށް މިކަމުގެ ތަޖްރިބާކާރުން ދެކެއެވެ. ނަމަވެސް މިބައްދަލުވުން ބޭއްވޭނީ ކޮންއިރަކުންކަމެއް އަދިވަނީ ޔަގީންވާގޮތް ނުވެފައެވެ. އެއީ އޮލީސޭ އަދިވެސް ހުރި ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗަށް ތައްޔާރުވަމުންދާ ފަރަންސޭސި ޓީމާއެކު އެމެރިކާގައެވެ. އިންގްލަންޑާއި ދެކޮޅަށް ކުޅޭ މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުއެވެ.