ޚަބަރު

ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ އެއްވަނަ ޝަހާމާއަށް


  • 1 ވަނައަަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް

  • 2 ވަނައަށް ހޮވުނީ ރ.ފައިނު، އައްސޭރި، ނަފްޙާ ނަސީމް

  • 3 ވަނަ ހާސިލްކުރި ށ.މިލަންދޫ، އަންނާރުމާގެ، މަރްޔަމް ޘާނީ

ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7" ގެ ފަޚުރުވެރި އެއް ވަނަ ހއ.އިހަވަންދޫ، ބުލްބުލާގެ މަރްޔަމް ޝަހާމާ ހާސިލްކޮށްފިއެވެ.

މިރޭ ބޭއްވި "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7" ފިނާލޭގައި ޝަހާމާއަށް، 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، ފަރީ ޙައްޖު އުމްރާއިން ދޭ ޢުމްރާ ދަތުރު ހަވާލުކޮށްދެއްވީ ހަލްފާގެ ޝަރަފްވެރި މެހެމާން، ތަރިކަ އާއި ސަޤާފަތާއި ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. މުބާރާތުގެ 1 ވަނަ ހާސިލްކުރުމާއި ގުޅިގެން، އޭނާ އަށް އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

މުބާރާތުގެ 2 ވަނައަށް ހޮވުނީ ރ.ފައިނު، އައްސޭރި، ނަފްޙާ ނަސީމްއެވެ. އޭނާއަށް އިނާމުގެ ގޮތުގައި ލިބުނު 25000 ރުފިޔާއާއި، އުމްރާ ދަތުރާއި އެހެނިހެން އިނާމުތައް ހަވާލުކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބްއެވެ.

3 ވަނަ ހާސިލްކުރި ށ.މިލަންދޫ، އަންނާރުމާގެ، މަރްޔަމް ޘާނީއަށް އިނާމް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭއަޑުގެ ކުރީގެ ޚިދުމަތްތެރިއެއްކަމަށްވާ ހަފްޒާ ޢަލީއެވެ. މީގެއިތުރުން، 4 ވަނަ ހާސިލްކުރި ގއ.ވިލިނގިލި، ފިނިފެންޖަންބުގެ، ޙައްވާ ޝީން އަޙްމަދުއަށް އިނާމް ހަވާލުކޮށްދެއްވީ ފަހިޕޭގެ މެނޭޖިންގ ޑިރެކްޓަރ އަލީ އާރިފް އިނާމްއެވެ. 5 ވަނަ ހާސިލްކުރި އއ.މަތިވެރި، އަތިރީގެ، ޙުސައިން ރަޝީދުއަށް އިނާމް ހަވާލުކޮށްދެއްވީ ހުޅުލޭ އައިލެންޑް ހޮޓެލްގެ މެނޭޖަރ ހައްވާ ފަރީޝާއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، ޕީއެސްއެމްއިން އަބަދުވެސް މަސައްކަތްކުރަނީ ޕީއެސްއެމްގެ އަހުލުވެރިންނާއި ގުޅުން ހުރި ޕްރޮގްރާމްތައް ގެނެސްދިނުމަށް ކަމަށާއި ބެސްޓް ރޭޑިއޯ ޕްރެޒެންޓަރއަކީ އެފަދަ ޕްރޮގްރާމެއް ކަަމަށެވެ. ބެސްޓްރޭޑިއޯ ޕްރެޒެންޓަރއަކީ ކޮންމެ ސީޒަނަކާއި އެކު ކުރިއަރަމުން އަންނަ ޕްރޮގްރާމެއްކަމަށް ޝަކީބް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ގިނަ ތަމްރީންތަކެއް ދޭކަންވެސް ފާހަގަކުރެއްވިއެވެ.

"ވާހަކަދެއްކުމާއި، ހުށަހެޅުމާއި، ލިޔުމާއި، މިފަދަ ތަމްރީންތަކުގެ ތެރެއިން މި ކުދިން ބައްޓަންވެގެން މި އަންނަނީ" އެމްޑީ ޝަކީބް ވިދާޅުވިއެވެ.

މި މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ އެންމެ ފަހު ހުށަހެޅުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދީފައި ވަނީ މިދިޔަ ޖޫން މަހުގެ 27 ގައެވެ. އަދި ޓެލެވިޜަން މޯލްޑިވްސްއިން އެ ހުށަހެޅުން ގެނެސްދީފައި ވަނީ ޖޫން 28 ވަނަ ދުވަހުއެވެ. ފައިނަލިސްޓުންނަށް ވޯޓު ދިނުމުގެ ފުރުޞަތު ޕީއެސްއެމް އެއަރ މެދުވެރިކޮށް ހުޅުވާލިއެވެ.

ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ މި ޝޯއަކީ ރާއްޖޭގެ އެންމެ މަޤްބޫލް އެއް ރިއަލިޓީ ޝޯއެވެ. މި މުބާރާތުގެ ތެރެއިން، ރޭޑިޔޯގައި ޕްރެޒެންޓަރަކު ކުރަންޖެހޭ ތަފާތު މަސައްކަތްތަކުގައި ބައިވެރިންގެ ހުނަރު ހުރި މިންވަރު ވަޒަންކުރުމުގެ އިތުރުން ބައިވެރިންނާއި ގުޅުން ހުރި ޝައުގުވެރި، ވާހަކަތައް ވަނީ ގެނެސްދީފައެވެ.