ޚަބަރު

ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އަޅަން އިނގިރޭސި މަޖިލިސް މެމްބަރުން ބާރު އަޅަނީ


ފަލަސްޠީނުގެ ބިންތައް ޔަހޫދީ ދައުލަތުން އިސްތިޢުމާރުކޮށްފައިވާކަމަށް ކަނޑައަޅައި، އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ)އިން ނެރެފައިވާ އިސްތިޝާރީ ލަފަޔަށް ޢަމަލުކުރުމުގެ ގޮތުން، ޔަހޫދީ ދައުލަތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 80 އަށްވުރެ ގިނަ މެމްބަރުން އިނގިރޭސި ސަރުކާރަށް ބާރު އަޅަން ފަށައިފިއެވެ.

މި މެމްބަރުން މިކަމަށް އިލްތިމާސްކުރެއްވީ އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލޭމީއަށް ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ.

އެ ސިޓީގައި މެމްބަރުން ފާހަގަކުރެއްވި ގޮތުގައި، އައިސީޖޭން ނެރުނު ތާރީޚީ ޙުކުމުގައި ބަޔާންކޮށްފައިވަނީ ފަލަސްޠީނުގެ ބިންތައް ޔަހޫދީ ދައުލަތުން އަތްދަށުކޮށްފައި އޮތުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓާލައި، ވަގުތުން އެ ސަރަޙައްދުތަކުން ޔަހޫދީ ސިފައިންބާލަންޖެހޭނެ ކަމަށެވެ.

އަދި އިނގިރޭސި ސަރުކާރުގެ މައްޗަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން ލާޒިމުވާ ވާޖިބުތައް އަދާކުރުމަށްޓަކައި، ޔަހޫދީ ދައުލަތާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެހެނިހެން ފިއްތުންތައް ކުރިމަތިކުރުވަންޖެހޭކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

"މި ޙުކުމް ނެރުނުތާ އެތަކެއް ދުވަހެއް ވެގެންދާއިރުވެސް ޔަހޫދީ ދައުލަތުން ވަނީ އެ ޙުކުމަށް ޢަމަލުކުރުމަށް އިންކާރުކޮށްފައެވެ. އޭގެ ބަދަލުގައި ޣައްޒާ އާއި އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ،" ސިޓީގައި ބުނެފައިވެއެވެ.

އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ހަރުދަނާ ފިޔަވަޅުތަކެއް ނާޅާނަމަ، ޤައުމުތަކުގެ ވެރިން ހަމައެކަނި އަނގަބަހުން އެ ނިރުބަވެރި ޙަމަލާތައް ކުށްވެރިކުރާ ކުރުމަށް ޔަހޫދީ ދައުލަތުން އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށާއި، އެ ދައުލަތުގެ ޣައިރު ޤާނޫނީ ޢަމަލުތައް ކުރިއަށް ގެންދާނެކަން މިހާރުގެ ޙާލަތުން ސާފުވާ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

އައިސީޖޭގެ ލަފައާ ޙަވާލާދީ މެމްބަރުން އިނގިރޭސި ސަރުކާރުން އަޅަން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ޤަވާއިދާ ޚިލާފަށް ޔަހޫދީ ދައުލަތުން ވަޒަންވެރިކޮށްފައިވާ ޔަހޫދީ އާބާދީތަކުން އުފައްދާ ތަކެތީގެ ވިޔަފާރި މަނާކުރުމާއި، އެ ދައުލަތުގެ އިސް ވެރިންނާއި ޖަމާއަތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި އިނގިރޭސިވިލާތާއި ޔަހޫދީ ދައުލަތާ ދެމެދު އޮތް ވިޔަފާރީގެ އެއްބަސްވުންތައް ސަސްޕެންޑްކުރުމުގެ އިތުރުން ޔަހޫދީ ދައުލަތަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ހުރިހާ މުޢާމަލާތެއް ވަގުތުން ހުއްޓާލުން ހިމެނެއެވެ.

މެމްބަރުން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ބައިނަލްއަޤުވާމީ ޤާނޫނުތަކަކީ ވަކި ބަޔަކަށް އިސްތިސްނާ ކުރެވޭނެ އެއްޗެއް ނޫނެވެ. އަދި އިންސާނީ ޙައްގުތަކަށް އަރައިގަންނަ އެހެން ޤައުމުތަކާ މެދުވެސް އަމަލުކުރާ އުޞޫލުން ޔަހޫދީ ދައުލަތާމެދު ފިޔަވަޅު އަޅަންޖެހޭނެކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެވެ.

މި ސިޓީ ފޮނުވާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ ފަލަސްޠީނުގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 173,000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.