ޚަބަރު

ފިހާރައަކުން ވަގަށް ނެގި ތަކެތި 24 ގަޑިއިރު ތެރޭ ހޯދައި ދެ މީހަކު ހައްޔަރުކޮށްފި


  • 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވޭ

ސ. ފޭދޫ ސިޓީ އޮޓޯ ގަރާޖު ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި، މައްސަލަ ހުށަހެޅުނުތާ 24 ގަޑިއިރު ތެރޭގައި ފުލުހުން ހޯދައި، އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.

އެ މަސައްކަތުގެ ތެރެއިން، މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:47 ހާއިރު ސ. މަރަދޫއިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށާއި އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ސ. ހިތަދޫގައި ދިރިއުޅޭ ގެތައް، އެ ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ފުލުހުން ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ގިނަ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ފެނުނު ތަކެތީގެ ތެރޭގައި 4 ކަރަންޓު ބުރުމާ، 1 ގްރޭންޑަރު، 1 ޓެބްލެޓް، 1 މޮބައިލް ފޯނު، ކަޓަރުތަކެއްގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނޭ ކަމަށާއި މި ތަކެތި މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފޯޓްރެސް، އަޙްމަދު ފަރީދު (42އ) އާއި ސ. ހިތަދޫ، ހިންދޫރަމާގެ، ޙުސައިން ރަޝީދު (42އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.