ޚަބަރު

ޒަކާތު ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު އަންނަމަހުގެ 16އާ ހަމައަށް


  • ފުރަތަމަ ހުޅުވާލީ މިމަހުގެ 16އާ ހަމައަށް

  • މުއްދަތު އިތުރު ކުރީ އެކަމަށް އެދޭ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން

ޒަކާތު ހައުސްއިން ދޫކުރާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ސްކޮލަޝިޕްތަކަށް އެދުމުގެ ފުރުޞަތު މިއަދަށް ހަމަވިއިރު ޒަކާތު ހައުސްއިން މިހާރު ވަނީ އެ މުއްދަތު އަންނަ މަހުގެ 16 ވަނަ ދުވަހަށް އިތުރުކޮށްދީފައެވެ.

މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ސްކޮލަރޝިޕު ޕުރޮގުރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓަރސް ލެވެލް 9 އަދި ޕީއެޗްޑީ ލެވެލް 10 އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތެކެވެ. މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލައިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ. އަދި ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ފުރުޞަތުވެސް ހިމެނެއެވެ.

އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕުރޮޕޯސަލު ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ގޮތަށް ހުށަހަޅާ އިރު، އެ ދާއިރާއަކުން ކިޔެވުމުން ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭންޖެހެއެވެ. މި ފުރުޞަތަށް އެދި ހުށަހަޅާނެ ޚާއްޞަ ޕުރޮޕޯސަލު ޓެމްޕްލޭޓު ޒަކާތު ހައުސްގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެއެވެ.

ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތައް

- އިސްލާމީ ޝަރީޢާ
- ޤުރްއާނާ ބެހޭ ޢިލްމު
- އިސްލާމީ ތަޢުލީމު
- އިސްލާމީ ދިރާސާއާއި ޝާއިޢުކުރުން
- އިސްލާމީ ނޫސްވެރިކަން
- ޢަޤީދާ އަދި ފިޤުހު
- އުޞޫލުލް ފިޤުހު
- އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނޭ

މި ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުން ކަމުގައި ވާންޖެހޭނެއެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާއެކު، ކިޔަވަން ބޭނުންވާ ޕުރޮގުރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުޠުތައް ހަމަވާންޖެހޭނެއެވެ. މީގެ އިތުރުން، އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބެމުންދާ ފަރާތަކަށް ވެގެންނުވާނެއެވެ.

މި ސްކޮލަޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅެނީ [email protected] އަށެވެ.