މެލޭޝިއާއަށް އެތެރެވެފައިވާ ޔަހޫދީ ދައުލަތުގެ ހުރިހާ ރައްޔިތުން ވަގުތުން އަނބުރާ ފޮނުވައިލާނެ ކަމުގައި ވިދާޅުވެ، ބޮޑުވަޒީރު އަންވަރު އިބްރާހީމް އިންޒާރު ދެއްވައިފިއެވެ. މެލޭޝިއާގެ ޖޮހޯ ސްޓޭޓުގައި ގެދޮރުވެރިކަމުގެ މަޝްރޫޢެއް ހިންގާ ސަރަޙައްދެއްގެ ހަރަކާތްތަކުގައި ޔަހޫދީއަކު ބައިވެރިވަމުންދާ ކަމުގައި ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް މި މޭރުމުން އިންޒާރު ދެއްވައި އަންވަރު ވިދާޅުވީ، އެ ޤައުމަށް އެތެރެވެފައި ތިބި ޔަހޫދީ ދައުލަތުގެ ހުރިހާ ރައްޔިތުންނަށް ފިޔަވަޅު އަޅައި، ވަގުތުން ޑީޕޯޓު ކުރާނެ ކަމުގައެވެ. މެލޭޝިއާއަކީ ޚާރިޖީ ގޮތުން ޔަހޫދީ ދައުލަތް ބަލައިގަންނަ ޤައުމެއް ނޫނެވެ. އަދި، މެލޭޝިއާ ސަރުކާރުގެ ޚާއްޞަ ހުއްދައެއް ނެތި ޔަހޫދީ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް އެ ޤައުމަށް އެތެރެވުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.
ޖޮހޯ ސްޓޭޓުގައި ހިންގާ 'ނެޓްވޯކް ސްކޫލް' ގެ ނަންދީފައިވާ ސްޓާޓަޕް ކޮމިއުނިޓީއެއްގެ މަޝްރޫޢުގައި ޔަހޫދީ ދައުލަތުގެ ރައްޔިތަކު އިސް ދައުރެއް އަދާކުރަމުންދާ ކަމުގެ ތުހުމަތުތައް ކަމާގުޅޭ އިދާރާތަކުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި ތުހުމަތުތައް ސާބިތުވެއްޖެނަމަ، އެއްވެސް ފަސްޖެހުމެއް ނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަންވަރު ދެއްވިއެވެ. މެލޭޝިއާގެ ދާޚިލީ ވުޒާރާއިން މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައި ވަނީ ޖޮހޯ ސްޓޭޓްގެ ސަރަޙައްދީ ސަރުކާރުގެ ރަސްމީ އެދުމެއްގެ ދަށުންނެވެ.
މެލޭޝިއާގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ޤާނޫނަށް ފެތޭކަން ކަށަވަރު ކުރުމަށް އެ ޤައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ވެސް ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ޖޮހޯގައި ހުންނަ 'ފޮރެސްޓް ސިޓީ' ގެ ނަން ދީފައިވާ ސަރަޙައްދެއްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ޤާނޫނީ ޙާލަތު ބެލުމަށް އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ ތަނުގައި އުޅޭ 266 ބިދޭސީން ޤާނޫނަށް ފެތޭ ކަމަށާއި، ޞައްޙަ ލިޔެކިޔުންތައް ހުރި ކަމުގައި އެ އިދާރާއިން ހާމަކުރެއެވެ.
ފޮރެސްޓް ސިޓީއަކީ ސިންގަޕޫރާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިއްކާފައިވާ ރަށްތަކެކެވެ. މެލޭޝިއާއަށް ހިޖުރަކުރާ ބޭރު ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި މަޤުބޫލު އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާއިރު، އެ މީހުންނާ ގުޅޭ ގިނަ މައްސަލަތަކެއް ދޭދެދޭތެރެއިން ފެންމަތިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ ފަދަ ސަރަޙައްދުތަކުގައި އިމިގްރޭޝަން ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް މެލޭޝިއާ ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.