އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި އެމްބިއުލަންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްގެ ޑިޒައިން އަދި އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.
މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހެއެވެ. އަދި މިމަހުގެ 30ގެ ނިޔަލަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ އެމްބިއުލަންސް ޚިދުމަތްތަކުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ތިން ފަންގިފިލާގެ ޚާއްޞަ އިމާރާތެއް ތަރައްޤީކުރެވޭނެއެވެ. މި އިމާރާތުގައި 24 ގަޑިއިރު ޚިދުމަތްދޭ އިމަޖެންސީ މެޑިކަލް ޑިސްޕެޗް އެންޑް ކޯލް ސެންޓަރަކާއި، އެމްބިއުލަންސް ގަރާޖާއި، މަރާމާތުކުރާ ވޯކްޝޮޕަކާއި، އިދާރީ އޮފީސްތަކުގެ އިތުރުން ތަމްރީނުދޭ މަރުކަޒާއި މުވައްޒަފުންގެ އަރާމުކުރާނެ ސަރަހައްދުތައް ހިމެނޭނެއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދުއްވާ ހަ އެމްބިއުލަންސްގެ ޚިދުމަތް، ފުރަތަމަ ފަހަރަށް އެއް މަރުކަޒަކުން ވިލަރެސްކޮށް ބަލަހައްޓަން ފަށާނެއެވެ. އަދި ޖީޕީއެސް މެދުވެރިކޮށް އެމްބިއުލަންސްތައް ހުރި ތަންތަން ދެނެގަނެވޭނެހެން، ޑިޖިޓަލް ޑިސްޕެޗް ނިޒާމެއް ޤާއިމުކުރެވޭނެކަމަށާއި މީގެ ސަބަބުން ކުއްލި ޙާލަތްތަކުގައި އެންމެ ގާތުގައި އޮންނަ އެމްބިއުލަންސް ފޮނުވައިދިނުމަށް މަގުފަހިވާނެއެވެ. މި މަޝްރޫޢުގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު 4 ޕެރަމެޑިކް އެމްބިއުލަންސާއި، ބަލިމީހުން އުފުލާ 2 އެމްބިއުލަންސް އަދި މުވައްޒަފުން ދަތުރުކުރާނެ 1 އުޅަނދު ހޯދުމަށް ވަނީ ރޭވިފައެވެ.
މި ޚިދުމަތުގައި ތަމްރީނު ލިބިފައިވާ އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ޑިސްޕެޗް އޮފިސަރުން، ޑްރައިވަރުންނާއި މެކޭނިކުން ހަރަކާތްތެރިވާނެއެވެ. މީގެ ސަބަބުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ފޯރުކޮށްދޭންޖެހޭ ސިއްހީ ފަރުވާ ފުރިހަމަ ގޮތުގައި ލިބިގެންދާނެއެވެ. ފަރުވާގެ ބަލިމީހާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލައި، ހާލަތު އެއްވަރެއްގައި ހިފަހައްޓައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ފަރުވާ ދޭން ފެށުމަކީ ބަލިމީހުންގެ ސަލާމަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކޮންމެ ސަރަހައްދަކުން އެހީއަށް އެދުނު ކަމުގައިވިޔަސް، 7 މިނެޓު ނުވަތަ އެއަށްވުރެ އަވަހަށް އެމްބިއުލަންސް ފޯރުކޮށްދިނުމަކީ މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒެވެ. މިއީ އައްޑޫ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކުއްލި ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެކެވެ.