ޚަބަރު

ފަހު 30 މިނެޓަށް ބަލާނަމަ އާޖެންޓީނާ މޮޅުވުން ހައްގު: ޓުކެލް


  • މިމެޗުގައި އިންގްލަންޑްގެ ކުޅުންތެރިންވަނީ އެންމެ ރަނގަޅަށް ކުޅެފަ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލަންޑާއި އާޖެންޓީނާ ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ފަހު 30 މިނެޓަށް ބަލާނަމަ މިމެޗުން އާޖެންޓީނާ މޮޅުވުން ހައްގު ކަމަށް އިންގްލަންޑްގެ ކޯޗު ތޯމަސް ޓުކެލް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ސެމީ ފައިނަލް މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ޓުކެލް ބުނިގޮތުގައި މިމެޗުގައި ދެ ހާފެއް ފެނިގެންދިޔަ ކަމަށެވެ. މިގޮތުން ފަހު 30 މިނެޓަށް ބަލާނަމަ އާޖެންޓީނާ މިމެޗުން މޮޅުވުން ހައްގު ކަމަށާއި ނަމަވެސް ފުރަތަމަ 55 މިނެޓަށް ބަލާއިރު އިންގްލަންޑް އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮތުންވެސް ހައްގު ކަމުގައި އިންގްލަންޑްގެ ކޯޗު ބުންޏެވެ.

އެހެން ކަމުން މިމެޗުގައި ފެނިގެންދިޔައީ އިންގްލަންޑް އިން ލަނޑު ޖެހުމުގެ ކުރީގެ ކުޅުމާއި ލަނޑު ޖެހުމަށްފަހު ފެނިގެންދިޔަ ކުޅުން ކަމުގައި އޭނާ ބުންޏެވެ. މިފަދަ ހާލަތްތަކުގައި ބަލިވާލެއްް ބޮޑުވެފައި އުނދަގޫވުން އަދި މެޗުގެ ކުޑަ ބޮޑު މިނަށް ބަލާފައި ބަލިވުމުން ލިބޭ ހިތްދަތިކަން އިތުރު ވެގެންދާކަމަށްވެސް ޓުކެލް ފާހަގަ ކުރިއެވެ. ނަމަވެސް މުހިންމީ މިމެޗުގައި އޭނާގެ ކުޅުންތެރިން އެކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދެއްކި ތޯ ކަމަށާއި އަދި އޭގެ ޖަވާބަކީ އެކަން އެކުޅުންތެރިން އެންމެ ފުރިހަމައަށް ކުރި ކަމަށް އިންގްލަންޑްގެ ކޯޗު ބުންޏެވެ.

މީގެއިތުރުން އިދިކޮޅުން ކުޅުނު ޓީމަށް އިހްތިރާމް ކުރުމާއެކު އެޓީމުން ހޯދި ކާމިޔާބީ ބަލައިގަތުންވެސް މިއީ ކުޅިވަރުގެ އެންމެ ރަނގަޅު ގޮތް ކަމުގައިވެސް ޓުކެލް ފާހަގަ ކުރިއެވެ. އަދި އެންމެ މުހިންމީ މިނާކާމިޔާބީއިން އަރައިގަނެ އަނެއްކާވެސް މޮޅު ކުޅުންދައްކާ ކާމިޔާބީ ހޯދުމަށް އެނބުރި ދެވޭތޯ މަސައްކަތް ކުރުން ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

މިމެޗުގައި އިންގްލަންޑްއިން ގެނައި ބަދަލު ތަކާއި ގުޅިގެން ޓުޗެލްއަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާ ދިއުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޓުކެލް ބުނީ ބަލިވުމުން ފާޑުކިޔުން އަންނާނެ ކަމަށާއި ނަމަވެސް މޮޅުވިނަމަ އެކަން ފެނިގެންދިޔައީހީ ވަރަށް ތަފާތު ކޮށް ކަމަށެވެ. އަދި އެނިންމުން ތަކަކީ އޭނާ ނެގި ނިންމުން ތަކެއް ކަމުން އެކަމުގެ ޒިންމާ އޭނާ ނަގާ ކަމަށާއި ނަމަވެސް އެކަމާއި ބޯގޮއްވާ ނުހަދާނެކަމަށްވެސް އޭނާ ބުންޏެވެ.

ޓުކެލް ބުނީ މިމެޗުގައި ދުނިޔޭގެ ޗެމްޕިއަނުންނާއި ދެކޮޅަށް އިންގްލަންޑް އިން ދެއްކި ކުޅުމާއި މެދު ފަހުރުވެރިވެވޭނެކަމަށެވެ. މިމެޗުގައި އިންގްލަންޑްއިން މަސައްކަތް ކުރީ މިފަދަ ބޮޑު މުބާރާތް ތަކުގެ ތަޖްރިބާ ބޮޑު މޮޅެތި ކުޅުންތެރިން ތިބި ޓީމެއް މުބާރާތުން ކަޓުވާލެވޭތޯ ކަމަށާއި އަދި އޭނާ ގަބޫލް ކުރާގޮތުގައި އާޖެންޓީނާގެ މޮޅު ކުޅުން ފެނިގެންދަނީ އެޓީމު ކޮޅަށް ލަނޑެއް ވަދެ ފަހަތުގައި އޮވެގެން ކުޅެން ޖެހުމުން ކަމަށެވެ.

އެއާއެކު އާޖެންޓީނާ ފެނިގެންދަނީ މުޅިން ތަފާތު ފެންވަރެއްގެ ޓީމެއްގެގޮތުގައި ކަމަށާއި އެޓީމުގެ ވާދަވެރިކަން އިތުރު އެއް ހަރުފަތަށް ކުރިއަށް ޖައްސާލިތަން ފެނިގެންދިޔަ ކަމަށެވެ. މިމެޗުގައި އިންގްލަންޑް އިންވެސް ވަރަށް ވާދަވެރި ކުޅުމެއް ދެއްކި ކަމަށާއި ނަމަވެސް އާޖެންޓީނާއިން އެޓީމަށް ލިބިގެންދިޔަ ފުރުސަތު ތަކުގެ ބޭނުން ހިފާ މެޗު ކާމިޔާބު ކުރީ ކަމަށް ޓުކެލް ފާހަގަ ކުރިއެވެ.

ޓުކެލް ބުނީ އޭނާ ކުުޅުންތެރިންނާއި މާގިނަ ވާހަކަ ތަކެއް ނުދައްކާ ކަމަށާއި އަދި އޭނާ ދައްކާ ވާހަކަ އަކުން އެކުޅުންތެރިންނަށް މިހިތްދަތިކަމުން އަރައިގަތުމަކަށް މާބޮޑު ހިތްވަރެއް ލިބިގެން ނުދާނެކަމަށެވެ. ނަމަވެސް މިބަލި ގަބޫލްކޮށް މިމެޗުގައި އެންމެ ރަނގަޅަށް ކުޅުނުކަން ގަބޫލް ކުރުމަށް އެކުޅުންތެރިން ކައިރީ ބުނެފައިވާނެކަމަށް ޓުކެލް ބުންޏެވެ. އަދި މިނާކާމިޔާބީ އިން އަރައިގަތުމަށް އެކުޅުންތެރިންނަށް ހިތްވަރު ދިނިން ކަމުގައި އޭނާ ބުންޏެވެ.