ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި އާޖެންޓީނާ އަތުން ފަހު ވަގުތު 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިވި ނަމަވެސް ކޯޗު ތޯމަސް ޓުޗެލް އަށް އިނގިރޭސި އެފްއޭގެ އިތުބާރު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
1966 ވަނަ އަހަރަށްފަހު ވޯލްޑްކަޕްގެ ފައިނަލުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދުމަށް އިންގްލެންޑް އިން ރޭ އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗުގެ 55 ވަނަ މިނިޓުގައި އެންތަނީ ގޯޑަން ޖެހި ލަނޑާއެކު އިންގްލެންޑަށް ވަނީ ކުރި ލިބިފަ އެވެ.
ނަމަވެސް މެޗުގެ ފަހު ހަތް މިނިޓުގެ ތެރޭގައި އާޖެންޓީނާ އިން ޖެހި ދެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިވެ ވަނީ މުބާރާތުން ކަޓާފަ އެވެ. ނަމަވެސް މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އަންނަ ހޮނިހިރު ދުވަހު ފްރާންސް އާއި ދެކޮޅަށް އިންގްލެންޑް ކުޅޭނެ އެވެ.
ސެމީ ފައިނަލުގައި އިންގްލެންޑް އިން ގެނައި ބަދަލުތަކާއި ގުޅިގެން ކޯޗު ތޯމަސް ޓުޗެލް އަށް ފާޑު ކިއުން އަމާޒުވެފައިވީ ނަމަވެސް އޭނާ އަށް އިންގްލެންޑްގެ އެފްއޭގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި 2028 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ހަމައަށް އޭނާ ހުންނާނެކަމަށް އެފްއޭގެ ޗީފް މާކް ބުލިންހަމް އާއި ހަވާލާދީ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ޖަރުމަނަށް އުފަން ޓުޗެލް އިންގްލެންޑްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފީފާ ވޯލްޑްކަޕް ކާމިޔާބުކުރުމުގެ އަޒުމުގަ އެވެ.
2028 ވަނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އޮންނަނީ އިންގްލެންޑްގެ އިތުރުން ވޭލްސް އާއި ސްކޮޓްލޭންޑް އަދި ރިޕަބްލިކް އޮފް އަޔަލޭންޑްގަ އެވެ.
ސެމީ ފައިނަލް މެޗަށްފަހު ޓުޗެލް ބުނެފައިވަނީ އޭނާގެ މުސްތަގުބަލާއިމެދު ވާހަކަ ދައްކަން މިވަގުތު އަވަސް ކަމަށާއި ނަމަވެސް ހެދިފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
އަދި މި ވޯލްޑްކަޕްގެ ސެމީ ފައިނަލުގެ ކުރިން ބޮޑެތި ވަރުގަދަ ޓީމުތަކެއް ކަޓައިގެން ގޮސްފައިވާއިރު އިންގްލެންޑް އިން ސެމީ ފައިނަލުގައި ކުޅުމަކީ ކާމިޔާބީއެއް ކަމަށެވެ.