ޚަބަރު

ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސެންޓާރާ ލެގޫންއާއެކު އެއްބަސްވުމެއް


  • ޕްރޮގްރާމު ކުރިއަށްގެންދަނީ އޯލެވެލް ނިންމާ ފަރާތްތަކަށް

  • 1 އަހަރު ދުވަހުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިނގާނެ

ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، މަސައްކަތުގެ މާހައުލަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އާއި ސެންޓާރާ ލެގޫން މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ކުރިއަށްގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބަރ ސާވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝްއެވެ. އަދި ސެންޓާރާ ލެގޫން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސެންޓާރާ މިރާޖް އަދި ގްރާންޑްގެ އެކްޓިންގ ކްލަސްޓަރ ޖެނަރަލް މެނޭޖަރ ހޯރހޭ ފަރނަންޑޭޒްއެވެ. ޖޫން 2027ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ ދިވެހި މަސައްކަތްތެރިންގެ ހުނަރު ތަރައްޤީކޮށް، ވަޒީފާގެ ބާޒާރަށް އެ ފަރާތްތައް އަހުލުވެރިކުރުވުމަށް ސަރުކާރުން އިސްކަންދީގެން ހިންގާ މުހިންމު މަސައްކަތެކެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ، އެ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާ ގުޅުވައިދިނުންކަމަށެވެ. މިގޮތުން، ކެރިއަރ ގައިޑަންސް ދިނުމާއި، ވަޒީފާ ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ވަކި ދާއިރާތަކަކަށް އަމާޒުކޮށްގެން ހުނަރު ތަރައްޤީކުރުމުގެ ތަމްރީނުތަކާއި، އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕްގެ ފުރުޞަތުތައް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭ އިންޓާންޝިޕް ޕްރޮގްރާމަކީ އަލަށް ދަސްވެނިވެފައިވާ ފަރާތްތަކަށާއި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން 3 މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، ޖީސީއީ އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން 1 އަހަރު ދުވަހުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް ކުރިއަށްދޭނެއެވެ. މި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލާ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.

މި ސޮއިކުރެވުނު ފަހުމުނާމާއަކީ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ސީދާ މަސައްކަތުގެ މާޙައުލުން ތަމްރީނު ލިބި، ދާއިމީ ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެ އަމަލީ ފިޔަވަޅެކެވެ. ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަމަށް ވާއިރު، ސެންޓާރާ ފަދަ ބައިނަލްއަޤްވާމީ ކުންފުނިތަކާއެކު މިފަދަ އެއްބަސްވުންތައް ޤާއިމުކުރުމަކީ ދިވެހި ޒުވާނުންނަށް މި ދާއިރާއިން ކުރިއަށްދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.