ޚަބަރު

ސްވައިޕް ބޭނުންކުރާ ދިވެހިންގެ އަދަދު 20،000އިން މައްޗަށް


  • ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭގޮތްވަނީ ހަދާފައި

  • ސްވައިޕް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހު

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ބޭނުންކުރާ ދިވެހިންގެ އަދަދު 20،000 އަށްވުރެ ގިނަ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ، ބީއެމްއެލްގެ ޔޫތު އެންޓްރަޕްރިނިއަރސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސްވައިޕަކީ، ދިވެހީން އުފައްދައި ތަރައްޤީ ކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ، ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަޤުވާމީ ޝަރުތުތަކާއި، މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްވައިޕް އުފެދިގެން އައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ވިޝަންކަމަށްވާ ޑިޖިޓަލް އިކޮނޮމީ ފުޅާކޮށް، ކްރިއޭޓިވް އަދި ޑިޖިޓަލް ދާއިރާގައި ޒުވާނުން ބައިވެރިކުރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ. އެ މަނިކުފާނުގެ ތަސައްވުރަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިޞާދުގައި ޖީޑީޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ޑިޖިޓަލް އިކޮނޮމީ ފުޅާކުރުންކަމަށާއި މި ވިޝަން ހަގީގަތަކަށް ހެދުމުގައި ސްވައިޕް މުހިންމު ދައުރެއް އަދާކޮށްދޭނެކަމަށެވެ. އެގޮތުން މިހާރުވެސް 20،000 އަށްވުރެ ގިނަ ދިވެހިން ސްވައިޕް ބޭނުންކުރަމުންދާކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

"މިއަދު 20 ހާހަށްވުރެ ގިނަ ދިވެހިން ސްވައިޕް ބޭނުންކުރާއިރު އެއްވެސް އިތުރު ފީއަކާ ނުލައި ބޭރުގައުމުތަކުން ފައިސާ ފޮނުވުމާއި ރާއްޖޭގައި ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ސްވައިޕް މެދުވެރިކޮށް މިހާރު ވަނީ ތައާރަފުކޮށްފަ. މީގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ މެދުގައި ފައިސާގެ މުޢާމަލާތްތައް ހިންގުމުގެ ފުރުސަތުވެސް ސްވައިޕްއިން ފަހިކޮށްދޭ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 3300 އަށްވުރެ ގިނަ ވިޔަފާރިތަކަށް ސްވައިޕް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އީ-ކޭވައިސީ ފުރިހަމަކުރުމަށްފަހު ސްވައިޕްގައި ރަޖިސްޓްރީވެ، ރާއްޖެއަށް ފައިސާ ފޮނުވުމާއި ރާއްޖޭގެ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ބޭނުންކުރެވޭނެކަމަށެވެ. މީގެ އިތުރުން، ފިޒިކަލް ކާޑެއް ބޭނުންކުރުމަކާ ނުލައި ބައިނަލްއަޤުވާމީ ފެންވަރުގައި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އަލިޕޭ، ވީޗެޓް ޕޭ އަދި މާސްޓަރކާޑު،ވީސާ ފަދަ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ނެޓްވޯކްތަކާއެކު މިހާރު ދަނީ މަސައްކަތްކުރެވެމުންދާކަމަށެވެ. މި ޚިދުމަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ލަފާކުރެވޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން މިހާރު ވަނީ ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މީގެ ސަބަބުން އެ ބޭންކުގެ ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު، ޕައުންޑް އަދި ޔޫރޯ އިން އެކައުންޓް ހުޅުވޭނެއެވެ. އަދި ކޮންމެ އެކައުންޓަކަށް އަމިއްލަ އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރެއް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

"މީގެ މާނައަކީ ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ނުވަތަ ވިޔަފާރިކުރާ ޒުވާނުންނަށް ލިބިގެންދާނެ ފަސޭހަތަކަކީ، ރާއްޖެއިން ބޭރުން، މިސާލަކަށް އިނގިރޭސިވިލާތުން ފައިސާ ޖަމާކުރާއިރު އެތަނުގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ޖަމާވެގެންދިއުން. އެގޮތުން ސީދާ ސްވައިޕް ވޮލެޓަށް ޕައުންޑު ވަގުތުން ލިބޭނެ. އަދި ބޭނުންވަގުތަކު އެފައިސާ ބޭންކުގެ ޔޫ.އެސް.ޑޮލަރު އެކައުންޓަށް ޖަމާކުރެވޭނެ" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ކްލައިންޓުންނާއެކު މަސައްކަތްކުރާ ދިވެހި ޒުވާން ކްރިއޭޓަރުންނާއި، ފްރީލާންސަރުން އަދި ވިޔަފާރިވެރިންނަށް މިއީ އިންގިލާބީ ބަދަލެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވިދާޅުވެފައެވެ.