ޚަބަރު

ވުޒާރާތަކާއި އެސްއޯއީތަކުގެ މީޑިއާ ޓީމުތަކަށް ހިންގި 2ވަނަ ތަމްރީނު ޕްރޮގްރާމް ނިމިއްޖެ


  • ސަރުކާރުގެ އެކި އިދާރާތަކުން ޖުމްލަ 28 ފަރާތަކުން ބައިވެރިވި

  • އަންނަ މަހު އިތުރު ޕްރޮގްރާމެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުން

ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މީޑިއާ ޓީމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "މާސްޓަރ ކްލާސް އޮން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން" ޕްރޮގްރާމްގެ ދެވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ، 3 ދުވަހުގެ މުއްދަތަށް ބޭއްވި ތަމްރީނު ޕްރޮގްރާމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސަރވިސް މީޑިއާގެ، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި ގުޅިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، ދައުލަތުގެ މުއައްސަސާތަކުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން ހަރުދަނާ ކުރުމަށް ހިންގާ ޚާއްސަ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުޞަދަކީ، އެ މުއައްސަސާތަކުގެ މީޑިއާ ޔުނިޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރު ކުރުމެވެ.

ސަރުކާރުގެ އެކި އިދާރާތަކުން ޖުމްލަ 28 ބައިވެރިން މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވްސް އިމިގްރޭޝަނާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް އަދި ނޭޝަނަލް ޑްރަގް އެޖެންސީ ހިމެނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ނޭޝަނަލް ކެރިއާސް ސަރވިސްވެސް ހިމެނެއެވެ.

އަމަލީ ތަމްރީނުތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މި މާސްޓަރ ކުލާހުގައި، ޒަމާނީ ޕަބްލިކް ރިލޭޝަންސްއަށް ބޭނުންވާ މުހިންމު ދާއިރާތަކަކުން ބައިވެރިންނަށް ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އޭގެ ތެރޭގައި މުވާސަލާތީ ޕްލޭންތައް އެކުލަވައިލުމާއި، އަމާޒުކުރާ އޯޑިއަންސް ދެނެގަތުމާއި، ސްޓޭކް ހޯލްޑަރުން ފާހަގަކުރުމުގެ އިތުރުން އިދާރީ ކްރައިސިސް (ނުވަތަ ކުއްލި ދަނޑިވަޅުތަކުގައި) މީޑިއާ ރިލޭޝަންސް ހަރުދަނާ ގޮތެއްގައި މެނޭޖްކުރުން ހިމެނެއެވެ.

އަދި ކޮންޓެންޓް ތައްޔާރު ކުރުމަށާއި، ތަގުރީރުތައް ޚުލާސާ ކުރުމާއި، ޕްރެސް ރިލީޒް ޑްރާފްޓް ކުރުމަށް އޭއައި ޓޫލްސް ބޭނުންކުރުމުގެ އިތުރުން މަހުން މަހަށް ސޯޝަލް މީޑިއާ ކޭމްޕޭންތައް ކުރިއަށް ގެންދާނެ ގޮތުގެ ކަލަންޑަރު ރޭވުމާއި، މޮބައިލް ފޮޓޯގްރަފީއާއި، ފްރޭމިންގއާއި، މަޢުލޫމާތު ފެތުރުމުގެ އުކުޅުތައް އަދި ވީޑިއޯ އެޑިޓިންގގެ އަމަލީ ތަމްރީނުތައްވެސް ދީފައިވެއެވެ.

އެމްއެމްއައިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމު ނިންމާލާފައިވަނީ ބައިވެރިން ދަސްކުރި ކަންތައްތަކުގެ ޢަމަލީ މަސައްކަތްތަކެއް ހިމެނޭ ޕްރެޒެންޓޭޝަންތަކަކުން ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބާއި ޕީއެސްއެމްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ވަނީ ސެޓިފިކެޓް ޙަވާލުކޮށްފައެވެ.

މި ނިމުނު ތަމްރީން ޕްރޮގްރާމްގެ ދެ ބެޗުގެ ކާމިޔާބީއަށްފަހު، ކުރިއަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި މިފަދަ އިތުރު މާސްޓަރ ކްލާހެއް ބޭއްވުމަށް އެމްއެމްއައިއިން މިހާރު ދަނީ ތައްޔަރުވަމުންނެވެ.