ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)ގެ ދަށުން މިއަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ފުރުޞަތު ދީ ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިޔަން ޖަޕާނީސް ޔެން ނުވަތަ 1،020،134 (އެއް މިލިޔަން ވިހިހާސް ސަތޭކަ ތިރީސް ހަތަރު) ޑޮލަރު ދިނުމަށްވަނީ ނިންމަވާފައެވެ.
ޚާރިޖީ ވުޒާރާގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްޞަމަދުއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެއްވަމުން ގެންދަވާ މިއެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބެއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖުތިިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިއްމު ދައުރު އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުންކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
މިޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން ދަސްވެނިވެފައިވާއިރު، މިހާރު ޖަޕާނުގައި 9 ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ.
މިރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާއާއި، ތައުލީމާއި މަތީ ތައުލީމާއި ހުނަރު ތަރައްޤީކުރުމާއި ބެހޭ ވުޒާރާއާއި، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއާއި، ޖަޕާނުގެ އެމްބަސީ އާއި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.