ވިލިމާލޭގައި އަލަށް ތަރައްޤީކުރި ޒަމާނީ ފެންވަރުގެ ބަށި ކޯޓު ހުޅުވައިފިއެވެ.
މި ކޯޓް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ވިލިމާލޭ ދާއިރާގެ މެންބަރުގެ އިތުރުން ވެމްކޯގެ މުވައްޒަފުންނާއި ވިލިމާލޭގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.
މި މަޝްރޫޢަކީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ވެމްކޯގެ އިތުރުން ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުހައްމަދު އިސްމާޢިލްގެ އެހީތެރިކަމާއެކު ތަރައްޤީކުރި ކޯޓެކެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢިލް ވިދާޅުވީ ވިލިމާލެއަކީ ފާއިތުވެދިޔަ ސަރުކާރުތަކުން މާބޮޑު އަޅާލުމެއް ނެތި ބާކީކޮށްލާފައިވާ އަވަށެއްކަމަށެވެ. އެކަމަށް ނިމުމެއް ގެންނަވާ ވިލިމާލެއަށް ބޭނުންވާ ތަރައްގީއާއި ވަސީލަތްތައް ގެނެސްދެއްވަން ފެއްޓެވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުކަމަށް މެންބަރު މުހައްމަދު އިސްމާޢިލް ވިދާޅުވިއެވެ. އެހެންކަމުން ވިލިމާލޭގެ ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދަނީ ވެރިކަންތައް ފުރޮޅި ބަދަލުވަމުން އައިއިރުގައި އަޅާނުލެވި، ކަނުވެ އޮތް ރަށެއް ގޮތުގައި ގްރޭޓާ މާލޭގެ ނަމުގައި ވިލިމާލެ އޮވެގެންދިޔުން އެހެން ގޮތަކަށް ބަދަލުވެ މިއަދުގެ ރައީސުލްޖުންހޫރިއްޔާ ވިލިމާލެއަކީ އޮތްތަނެއްކަން އަދި ވިލިމާލޭގެ ރައްޔިތުންނާއި ކުޅިވަރާއި ތަރައްގީގެ އެހެނިހެން ކަންކަން ބޭނުންވާނެކަމެއްކަން ދެނެ، ރައީސުލްޖުމްހޫރިއްޔާ ކުޅިވަރު ވުޒާރާއި އެހެނިހެން މުއައްސަސާއާއި ގުޅިގެން ބާރު ސްޕީޑުގައި ގެނެސްދޭކަމީ ވިލިމާލޭގެ ރައްޔިތުން ވަރަށް އުފާލާއެކު ބަލައިގަނެ ޝުކުރުއަދާކުރާކަމެއް" ވިލިމާލޭ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ރޭގަނޑުވެސް ކުޅެވޭގޮތަށް ލައިޓްހަރުކޮށް، ތަރައްގީކުރި މިކޯޓުގެ އަމަލީ މަސައްކަތްކޮށްފައިވަނީ ވެމްކޯގެ މުވައްޒަފުންނެވެ. މިމަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސް އަށް މައުލޫމާތުދެއްވަމުން ވެމްކޯގެ ސައިޓް މެނޭޖަރ ޢަބްދުﷲ ސަމީހް މުހައްމަދު ވިދާޅުވީ މިއީ ގާތްގަނޑަކަށް ދެ ހަފްތާ ދުވަހުގެ މަސައްކަތްކަމަށެވެ. މިމަސައްކަތުގައި ވެމްކޯގެ ފަރާތުން ދެވުނު އެހީތެރިކަމަށްޓަކައި އުފާކުރާކަމަށާއި މި ކޯޓާއެކު ވިލިމާލެއަށް އިތުރު ކުޅިވަރުގެ ތަަރައްގީ އަންނާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޓީމު ގާތްގަނޑަކަށް ހުރިހާ މަަސައްކަތެއް ވެމްކޯއިން ކޮށްފައި މިވަނީ. އަޅުގަނޑުމެންގެ އެސިސްޓެންޓް މެނޭޖަ ރ އަހްމަދު އާތިފްގެ އިސްނެގުމުގެ ދަށުން މުޅި ބަށި ކޯޓު އެޅިފައިމިވަނީ. ކާޕެޓް ގެނައުމާއި މާލެއިން ސާމާނު ގެނައުމާއި ބިން އެއްވަރުކުރުމާއި ވަށާ ފެންސް ޖެހުމާއި ހަމަ ވެމްކޯގެ މުވައްޒަފުންކޮށްފައި މިހުރީ" ސަމީހް ވިދާޅުވިއެވެ.
ވިލިމާލޭ ބަށި ކޯޓުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެކުވެރިކަމުގެ ބަށި މެޗެއްވެސްވަނީ ކުޅެފައެވެ. މި ކޯޓަކީ ވިލިމާލޭގެ ރައްޔިތުންގެ ދުވަސްވީ އުންމީދަކަށްވާއިރު، 2000ގެ ކުރީކޮޅު ވިލިމާލެއަކީ ވަރުގަދަ ބަށި ޓީމެއް އޮތް ތަނެކެވެ. ހުނަރުވެރި ކާމިޔާބު ކުޅުންތެރިންތަކެއް ވިލިމާލޭގައި އުފެދުނު ނަމަވެސް، ބަށި ކުޅޭނެ ތަނެއް ނެތުމުގެ ސަބަބުން ވިލިމާލޭގެ ބަށި ޓީމު މަޑުމަޑުން އުވިދިޔައީކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. އަލަށް ތަރައްގީކުރި ކޯޓާއެކު އިހު އޮތް ފޯރި އަލުން އިޔާދަވެ، ކުރީގެ ވަރުގަދަ ވިލިމާލޭ ބަށި ޓީމު އަލުން އުފެދޭނެކަމަށް ރައްޔިތުން ގަބޫލުކުރެއެވެ.