ޚަބަރު

ފުރަތަމަ 6 މަސް: އިންކަމް ޓެކުހުގެ ގޮތުގައި 3.6 ބިލިޔަން ރުފިޔާ


  • މިއީ %30 އިތުރުވުމެއް

  • ބޭންކްތަކަށް ލިބޭ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 775 މިލިޔަން ރުފިޔާ ލިބުނު

އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ދައުލަތަށް 3.6 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 3.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 2.7 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %30 އިތުރު އަދަދެކެވެ.

އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދައުލަތަށް އާމްދަނީ ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީންނެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.5 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %10 އިތުރު އަދަދެކެވެ.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ލިބިފައިވަނީ 804 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 634 މިލިޔަން ރުފިޔާއެވެ. މިއީ %27 އިތުރު އަދަދެކެވެ.

އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 271 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 256 މިލިޔަން ރުފިޔާއެވެ. މިއީ %6 އިތުރުވުމެކެވެ.

ބޭންކްތަކަށް ލިބޭ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 775 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 294 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %164 އިތުރު އަދަދެކެވެ.

އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އެހެން ނަމަވެސް، އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.