ޚަބަރު

ކުޅިވަރު ކުޅުނަސް ކިޔެވޭނެ، ޓީޓީ ތަރިން އެކަން ސާބިތުކޮށްދީފި


  • ދީމާ ވަނީ ދުނިޔޭގެ އެއްވަނަ ހޯދާފައި

  • ޓީޓީގެ ހަތަރު ތަރިއަކު ޓޮޕް 10ގައި ހިމެނޭ

ކުޅިވަރު ކުޅުމަކީ ތައުލީމު އުނގެނުމަށް އޮތް ހުރަހެއް ނޫންކަން، ރާއްޖޭގެ ޓޭބަލް ޓެނިސް ތަރިން ސާބިތުކޮށްދީފިއެވެ.

ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅިވަރު ކުޅުމަކީ ތައުލީމު އުނގެނެމުންދާ ކުއްޖަކަށް ކުރެވޭނެކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. އެފަދަ ކުށްހީ ތަކާއެކު، ބައެއް ބެލެނިވެރިންވެސް، ސްކޫލްތަކުގައި އޮންނަ ކުޅިވަރުގެ ހަރަކާތްތަކުގައި އާއި ގައުމީ ފެންވަރުގައި އޮންނަ ކުޅިވަރު ހަރަކާތްތަކުގައި ދަރިން ބައިވެރިކުރުވަން އުޒުރުވެރިވެއެވެ.

އެހެންނަމަވެސް، ރާއްޖެއަށް ކުޅިވަރުގައި އެތައް ޝަރަފަކާއި ފަޚުރެރެއް ހޯދައިދީފައިވާ ފާތިމަތު ދީމާ އަލީ އާއި، އޭނާއެކޭ އެއްފަދައިން ޓޭބަލް ޓެނިސް ކުޅޭ ބައެއް އެތުލީޓުން މިވަނީ، އެއީ ހަގީގަތުގައިވެސް ކުށްހީއެއްކަން ސާބިތުކޮށްދީފައެވެ.

ވާދަވެރި ކޮލިފައިން މުބާރާތެއް ކާމިޔާބުކޮށް، އޮލިމްޕިކްސްއަށް ކޮލިފައިވި ދިވެހި ހަމައެކަނި އެތުލީޓުގެ ޝަރަފު ހޯދާފައިވާ ދީމާ، ކުޅިވަރުގެ އެކިއެކި އެވޯޑު ހަފްލާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުންނާއި ޝަރަފުވެރި މެހުމާނުންގެ އަތްޕުޅުން އެވޯޑުތައް އުފުލާލާ މަންޒަރަކީ ދިވެހިންނަށް އައު މަންޒަރެއް ނޫނެވެ. އަހަރުގެ އެންމެ މޮޅު ކުޅިވަރު ޝަހުސިއްޔަތުގެ ޝަރަފާއި އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާގެ އެވޯޑަކީ ދީމާ ފަރިތަ އެވޯޑުތަކެކެވެ.

ހަތަރު އެތުލީޓެއްގެ ވާހަކަ ގެނެސްދޭ މި ލިޔުމުގައި ދީމާގެ ނަން ވަކިން ހިމަނާލަން މިޖެހެނީ ސަބަބެއް އޮތީމައެވެ. އެއީ ކުޅިވަރުގެ އެންމެ ޝަރަފުވެރި އެވޯޑުތަކާ ގާތް ދީމާ، ތައުލީމީ ރޮނގުން ހޯދި ރަން ކާމިޔާބީގެ ސަބަބުންނެވެ. ސާނަވީ ތައުލީމީ ހަޔާތުގައި އަންނަ އެންމެ ޝަރަފުވެރި އެވޯޑު ހަފްލާގައި ދީމާ ހޯދި ބޮޑު މޮޅުގެ ސަބަބުންނެވެ.

"މަތީ އަރުތަވެރިންގެ އިނާމު 2025" ޖަލްސާގައި ދީމާ ވަނީ، އިނގިރޭސި މާއްދާއިން މުޅި ދުނިޔެއާއި ރާއްޖޭން އެއްވަނަ ހޯދާފައެވެ. އެކަން ފާހަގަކޮށް ދީމާއަށް ދިން އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ކާމިޔާބީއާއެކު، އަނގައިން ބަހެއް ނުބުނެ ދީމާ ދިނީ ވަރަށް އަޑުގަދަ މެސެޖެކެވެ. ކިޔަވާކުދިންނަށް ދިން މެސެޖަކީ ކުޅިވަރު ކުޅުނަަސް ކުޅެވޭނެކަމުގެ މެސެޖެވެ. ބެލެނިވެރިންނަށް ދިން މެސެޖަކީ ކުޅިވަރު ކުޅެން ހުއްދަދޭން ޖެހޭކަމާއި، އުސޫލުތަކާއި ހަމަތަކުގެ ތެރެއިން، ރޭވުންތެރިކަމާއެކު ކަންކަން ކޮށްފިނަމަ ހާސިލްނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމުގެ ވަރުގަދަ މެސެޖެވެ.

"މަތީ އަރުތަވެރިންގެ އިނާމު 2025" ޖަލްސާގައި ދީމާގެ އިތުރުން ދެން އެވޯޑު ޙާސިލްކުރީ އޯލެވެލްގައި ގައުމީ ގަދަ 10 ގެ ހަތަރުވަނަ ހޯދި މިންހާ މަޙްޖޫބް ޝުޖާއު އާއި ތިންވަނަ ހޯދި އައިޝަތު ޒާރާ ޝާހިލްގެ އިތުރުން ތިންވަނަ ހޯދި އަޙްމަދު ރައްޔާން މުޙައްމަދު އަނީސެވެ.

ރައްޔާން ވަނީ އެޑެކްސެލް ބިޒްނަސް ސްޓަޑީޒްގެ ދުނިޔޭގެ ތިންވަނައާއި އެކައުންޓިންގް އިން ދުނިޔޭގެ އަށްވަނަ ހޯދާފައެވެ. މީގެއިތުރުން އޭނާއަކީ ހައި އެޗީވާޒް ސްކޮލަޝިޕްވެސް ލިބޭނެ ފަރާތެކެވެ.