ޚަބަރު

ކުނަހަންދޫ ވިމެންސް ކަޕް: ޗެންޕިއަންކަން މޫން ސްޓާރއަށް


  • ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަކީ މޫން ސްޓާރގެ ފާތިމަތު އާލާ

  • މުބާރާތުގެ ތިންވަނަ ޓީމަކީ ޕިންކް ލޭޑީ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްގެންދާ ކުނަހަންދޫ ވިމެންސް ކަޕްގެ ޗެންޕިއަންކަން މޫން ސްޓާރއިން ހޯދައިފިއެވެ. އެޓީމުން ޗެންޕިއަންކަން ހޯދީ 8 ވިކެޓުން ސްޕާރ ގާރލްސް ޓީމު ބަލިކޮށްގެންނެވެ.

ފައިނަލުގައި މޫން ސްޓާރ އަދި ސްޕާރ ގާރލްސް ވާދަކުރިއިރު، ޓޮސް ދިމާވުމުން މޫން ސްޓާރއިން ގަސްދުކުރީ ހޮވަންއަރާށެވެ. އެހެންކަމުން ސްޕާރ ގާރލްސްއިން ކުޅެން އަރާ 18 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 181 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 41 ލަނޑު ހެދި، ފާތިމަތު ސަހީރާއެވެ.

މޫން ސްޓާރ ޓީމުން އެންމެ ރަނގަޅަށް އުކީ، 45 ލަނޑަށް 2 ވިކެޓް ނެގި ފާތިމަތު އާލާއެވެ.
ޖަވާބުގައި މޫން ސްޓާރ ޓީމުން ކުޅެން އަރާ، 16 އޯވަރު ތެރޭ 8 ވިކެޓަށް 182 ލަނޑު ހަދާ މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ކަށަވަރުކުރިއެވެ.

އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި، ފާތިމަތު އާލާއެވެ. ސްޕާރ ގާރލްސް ޓީމުން އެންމެ ރަނގަޅަށް އުކީ 31 ލަނޑަށް 3 ވިކެޓްނެގި އާމިނަތު ޝަހީރާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ މޫން ސްޓާރގެ ފާތިމަތު އާލާއެވެ.

ކުނަހަންދޫ ވިމެންސް ކަޕްގެ ތިންވަނަ މަގާމް ހޯދީ ޕިންކް ލޭޑީ ޓީމެވެ. އެޓީމުން ތިންވަނަ ކަށަވަރުކުރީ ސްކައި ވިމެންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.